
--
ވިއްސާރަ ދުވަސްވަރުގައި މާލޭގައި ފެންބޮޑުވާ މައްސަލައަށް ހައްލުތަކެެއް ހޯއްދެވުމަށް ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫއުގެ ބޮޑު އިންސައްތައެއްގެ މަސައްކަތް ނިމިއްޖެ އެވެ.

ޤައުމީ ދިފާޢީ ބާރާއި އިމާރާތް ކުރުމާއި ބިނާރާ ބެހެ ވުޒާރާއާއި ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީ ގުޅިގެން ކުރިޔަށްގެންދާ މި މަޝްރޫއު އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު މިއަދު ދިފާއީ ވުޒާރާއިން ވަނީ ދީފައެވެ. އެގޮތުން އެވުޒާރާއިން ބުނީ މި މަޝްރޫއުގެ ދަށުން މި މަސައްކަތަށް ވެސްޓް ޕާކް ސަރަޙައްދުން ކޮނެފައިވާ ތަންތަން އެއްވަރުކޮށް، އަލުން ގައު އެތުރުމުގެ މަސައްކަތް ނިމި ކެޗްޕިޓް ބެހެއްޓުމަށްޓަކައި ބޮޑުތަކުރުފާނު މަގުން ކޮނެ، ކެޗްޕިޓް ބެހެއްޓުމުގެ އެންމެހާ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.
މިއާއި އެކު މި މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަން އެވުޒާރާއިން ހާމަކުރެއެވެ.
މި މަޝްރޫއުގެ ދަށުން ވެސްޓްޕާކް ސަރަޙައްދުގައި އުފެދޭ ފެން ބޭރުކުރުމަށް ހަރުކުރަންޖެހޭ ވަޞީލަތްތައް ހަރުކޮށް ކަނބާއައިސާރަނި ހިނގުމުގެ އިތުރުން އިތުރު ސަރަޙައްދުތަކުގައިވެސް ފެން ބޮޑުވުމުގެ މައްސަލަތައް ހައްލުކުރުމަށް ވަސީލަތްތައް ހަރުކުރަން ވަނީ ނިންމާފައި އެވެ.
މާލޭގެ ވެސްޓްޕާކް ސަރަހައްދަކީ ވާރޭވެހޭ ދުވަސްވަރު މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދެވެ.
މި މަޝްރޫޢަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ފެށި މަޝްރޫއެކެެވެ.
ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނޭހެން، މާލޭގެ މަގުތައް ތާރުއަޅައިގެން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށުމަށް ވަނީ ނިންމަވާފައެވެ.