ތަފާތުބޮޑު ނަތީޖާއަކުން ޕޮލިސް ކުލަބު ބަލިކޮށް ރެޑްހޯކްސް ސެމީ ފައިނަލަށް
ހަސަން ޝަމްއޫން
6/6/2024, 5:27:24 PM
ޕޮލިސް ކުލަބާއި ހޯކެޓްސް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން
ވަނަ ވެމްކޯ ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ އަންހެން ޑިވިޝަން ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ޕޮލިސް ކުލަބާއި ރެޑްހޯކްސް ސްޕޯޓްސް ކުލަބު ވާދަކުރި ފަސޭހަކަމާއެކު 52-18 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ރެޑްހޯކްސް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ޕޮލިސް ކުލަބު މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު، އަނެއް މެޗުން ވަނީ ބަލިވެފައެވެ. އަދި ރެޑްހޯކްސް ސްޕޯޓްސް ކުލަބު ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ގުރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
މުޅި މެޗުގައި ވެސް ރެޑްހޯކްސްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 27-12 ގެ ނަތީޖާއަކުން ރެޑްހޯކްސް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ރެޑްހޯކްސް އިން އިތުރު 25 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޕޮލިސް ޓީމަށް ކާމިޔާބުކުރެވުނީ އެންމެ ހަ ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޑްހޯކްސްގެ ފާތުމަތު ލީން ބިން ޔާސިރު އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް 16 ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިއަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި 16 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ހޮވިފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ކުޅުމަށް މިހާރު ހަމަޖެހިފައި ވަނީ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗު ކުޅުމަށް ތާވަލު ކުރެވިފައިވަނީ ޖޫން މަހުގެ އެގާރަވަނަ ދުވަހުގެ ރޭ އެވެ.