ދިވެހި ހައްޖާޖީން ތިބޭ ހޮޓަލުގައި ޚާއްޞަ ކުލިނިކް ވެސް ޤާއިމުކޮށްފައިވޭ!
އަހުމަދު ޝުރާއު
6/1/2024, 3:32:08 PM
ދިވެހި ހައްޖާޖީން ސައުދީގައި
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދާ ދިވެހި ހައްޖާޖީން ތިބޭ ހޮޓަލުގައި ޚާއްޞަ ކުލިނިކް ގާއިމްކޮށްފައިވާކަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.
ދިވެހި ހައްޖާޖީންގެ ފުރަތަމަ ގްރޫޕު ރޭގެ ވަގުތެއްގައި ވަނީ ސައުދީ އަރަބިއާއަށް ގޮސްފައި އެވެ. އެގޮތުން ފުރަތަމަ ގްރޫޕުގައި 296 ހައްޖާޖީން ސައުދީއަށް ދިޔަކަމަށް އިސްލާމީ ކަންތައްތަކާއި ވެހޭ ވުޒާރާއިން ބުނެއެވެ.
އެވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ މިހާރު ސައުދީގައި ތިބި ހައްޖާޖީންގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައި އެވެ.. އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒިރު ވިދާޅުވީ އިއްޔެ ސައުދީއަށް ދިޔަ ހާޖީން މިއަދު ޢުމްރާއެއް ކޮށްފައިވާ ކަމަށެވެ. އަދި ހުރިހާ ހާޖީންގެ ޙާލު ވެސް ރަނގަޅު ކަމަށް ވިދާޅުވެ ވަޒީރު ވަނީ ހޮޓަލުގައި ހައްޖާޖީންނަށް ޚާއްޞަ ކުލިނިކް ވެސް ޤާއިމުކުރެވިފައިވާކަން ހާމަކުރައްވާފައި އެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ޞިއްޙީގޮތުން ޚާއްޞަ ޙާލަތެއް އެއްވެސް ހާޖީއަކަށް މެދުވެރިވިކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.
ހައްޖާޖީންނަށް އެހީވުމަށް އިސްލާމިކް މިނިސްޓްރީއާއި ހައްޖު ކޯޕަރޭޝަން ގުޅިގެން ސައުދީގައި ވަނީ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައި އެވެ. އެގޮތުން ދިވެހި ހައްޖާޖީންނަށް ކެއުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް މިފަހަރު ހައްޖާޖީންނަށް ދިވެހި ރަހަތައް ލިބޭނެ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސާފައި އެވެ.
ހައްޖާޖީންގެ ފުރަތަމަ ގްރޫޕް އިއްޔެ ފުރި އިރު، ހައްޖުވެރިންނާ ބައްދަލުކުރައްވަން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭއަށް ވަޑައިގެންނެވި އެވެ. ހައްޖާޖީންގެ ދެވަނަ ގްރޫޕް ފުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 3 ގަ އެވެ. އެ ދުވަހު 353 ހައްޖާޖީން ފުރާނެ އެވެ. އަދި ފަހު ގްރޫޕް 339 ހައްޖާޖީންނާއެކީ ފުރާނީ އަންނަ މަހުގެ 7 ގަ އެވެ.
މި އަހަރު ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ. އިސްލާމިކް މިނިސްޓްރީ ބުނެފައިވާ ގޮތުގައި އެހީތެރިން ފިޔަވައި މި އަހަރު ރާއްޖެއިން 980 މީހަކު ހައްޖަށް ދާނެ އެވެ. މީގެ ތެރެއިން 50 މީހުންނަކީ މި ސަަރުކާރުގެ ދައުރުގެ ތެރޭގައި 1،000 ފަގީރުން ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ ތެރޭގައި ހިމެނޭ މީހުންނެވެ.