
ވިޒިޓް މޯލްޑިވްސްގެ ރޯޑްޝޯ މިފަހަރު ރަޝިއާގެ ހަތަރު ސިޓީއެއްގައި
large_161623041637ViZt
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 20 ކުންފުންޏަކާއެކު، ވިޒިޓް މޯލްޑިވްސް އިން ރަޝިޔާގެ އެކި ސިޓީތަކުގައި ޓްރެވަލް ޓްރޭޑަށް ހާއްސަކޮށްގެން ރޯޑްޝޯއެއް ފަށައިފި އެވެ.

މި ރޯޑްޝޯ ކުރިއަށް ދާނީ މި މާޗު މަހުގެ 26 ގެ ނިޔަލަށެވެ. އެގޮޮތުން ރަޝިޔާގެ މޮސްކޯ، ކާޒާން، އެކަޓެރިންބާގް އަދި ސެން ޕީޓާސްބާގް ގައި މި ރޯޑްޝޯ ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައި އެވެ.. މިއީ މޮސްކޯގައި ކުރިއަށްދިޔަ މޮސްކޯ އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓުއަރިޒަމް އެގްޒިބިޝަން (އެމްއައިޓީޓީ) އަށްފަހު ކުރިއަށްގެންދާ ހަރަކާތެކެވެ.
އެމްއެމްޕީއާރްސީން މައުލޫމާތު ދޭގޮތުގައި ވިޒިޓް މޯލްޑިވްސް އާއެކު ރާއްޖޭގެ 12 ރިސޯޓަކާއި ދެ ގެސްޓްހައުސް އަދި ހަ ޓްރެވަލް އެޖެންޓުން ހިމެނޭގޮތަށް 33 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެެވެ. އަދި މިއީ ރާއްޖެ އިޝްތިހާރުކޮށް ޓްރެވަލް ޓްރޭޑުގެ މެދުގައި ރާއްޖެއާ ބެހޭ މައުލޫމާތު ހިއްސާކޮށް ގުޅުން ބަދަހިކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް އެމްއެމްޕީއާރްސީއިން ބުނެއެވެ.
ރޯޑްޝޯގައި ރާއްޖެއާ ބެހޭ މައުލޫމާތާއި ބައިވެރިވާ ފަރާތްތަކުގެ ޕްރޮޕަޓީތަކާއި އެތަންތަނުން ފަތުރުވެރިންނަށް ތަޖުރިބާކުރެވެން ހުރި ކަންކަން ދައްކާލުމަށް ވަނީ ނިންމާފައިއެވެ. ހަމައެއާއެކު ރާއްޖޭގައި ފަތުރުވެރިންގެ ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކާއި އެ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިންނަށް އެންމެ ރައްކާތެރި އެއް ގައުމުގެ ގޮތުގައި ވެސް އިޝްތިހާރުކުރާނެ އެވެ.
ހަތަރު ސިޓީގައި ކުރިއަށްދާ ރާއްޖޭގެ އިވެންޓަށް ޒިޔާރަތްކުރާ މީހުން އިތުރުކުރުމަށް، ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފުރުސަތުވެސް ދިނުމަށް ވަނީ ނިންމާފައިއެވެ.
ކޮންމެ ސިޓީއަކުން ވެސް ނަސީބުވެރިން ހޮވާއިރު، އެ މީހުންނަށް ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާ، ސަން އައިލެންޑް، ޕެރެޑައިސް އައިލެންޑް ރިސޯޓު، ތާޖް ކޮރަލް ރީފް ރިސޯޓު، އަދި ރޯޔަލް އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ.
ރަޝިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މިހާރު އެންމެ މުހިއްމު އެއް މަންޒިލެވެ. މިދިޔަ އަަހަރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާ އިންނެވެ. މިއަހަރުގެ މިހާތަނަށް 238،533 ޓޫރިސްޓުން އައި އިރު، 21.5 ޕަސެންޓު މީހުންނަކީ ރަޝިއާ އިން ޒިޔާރަތްކުރި ފަތުރުވެރިންނެވެ.