ވެމްކޯގެ ތިނަދޫ އޮޕަރޭޝަން ފެށުމަށް ބޭނުންވާ އުޅަނދުތައް އެރަށަށް ފޮނުވައިފި
އަލްފާ އަލީ
5/3/2024, 1:13:41 PM
-
ވޭސްޓް މެނޭޖްމަންޓް ސެންޓަރ (ވެމްކޯ) އިން ތިނަދޫ ސިޓީގެ ވޭސްޓްކަލެޝަން ފެށުމަށް ބޭނުންވާ ވެހިކަލްތައް އެރަށަށް ފޮނުވައިފި އެވެ.
ވެމްކޯ އިން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ, ތިނަދޫގެ ވޭސްޓް ކަލެޝަން ފެށުމަށް ބޭނުންވާ ވެހިކަލްތައް އެރަށަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.
އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވެފައިވަނީ ކުރިއަށް އޮތް 2 ހަފްތާއެއްހާ ދުވަސްތެރޭގައި ތިނަދޫ އާއި ކުޅުދުއްފުށީގެ ވޭސްޓް ކަލެކްޝަން ރަސްމީކޮށް ފެށިގެންދާނެ ކަމަށެވެ. މިހާރު ކުރިއަށް ދަނީ އެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީގެ މަސައްކަތް ކަމަށް މުޖްތަބާ ފާހަގަކުރެއްވި އެވެ.
ވެމްކޯއިން ތިނަދޫއާއި ކުޅުދުއްފުށީގެ ހިދުމަތް ފެށުމާއެކު, މި ދެ ސިޓީގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ދާނެ ކަމަށް ވެމްކޯއިން ބުނެއެވެ.