އެޗްޑީސީއިން ހުޅުމާލެގެ އެކި ސަރަހައްދުތައް ފޮގްކުރުމުގެ މަސައްކަތް ފަށައިފި
އަހުމަދު ޝުރާއު
5/2/2024, 10:45:41 AM
ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް އެޗްޑީސީއިން ކުރަނީ
ހުޅުމާލެ ބަލަހައްޓާ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ހުޅުމާލެގެ އެކި ސަރަހައްދުތައް ފޮގްކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެޗްޑީސީއިން މިއަދު ބުނީ މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތައް ގިނަވުމާ ގުޅިގެން ހުޅުމާލެގެ އެކި ސަރަހައްދުތައް ފޮގްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެޗްޑީސީއިން ހުޅުމާލެ ފޮގްކުރުމުގެ މަސައްކަތް ފެށި އިރު މާލެ ސިޓީ ކައުންސިލުން ވަނީ މާލެ އާއި ވިލިމާލެ ފޮގްކުރުމުގެ މަސައްކަތް ވެސް ފަށާފައި އެވެ.
މިދުވަސްވަރު ރާއްޖޭގައި ޗިކުންގުންޔާ ފެތުރޭ މިންވަރު ވަނީ އިތުރުވެގެން ގޮސްފައެވެ. އެގޮތުން މިމަހުގެ 27ގެ ނިޔަލަށް މާލޭ ސަރަހައްދުން އެކަނި ވެސް 59 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ޚަލީލު ވިދާޅުވެފައިވެއެވެ.
ޗިކުންގުންޔާއަކީ ވެސް ޑެންގީ ހުން ފަތުރާ މަދިރިކަމުގައިވާ އީޑީސް މަދިރީގެ ޒަރިއްއާއިން ފެތުރޭ ބައްޔެއްކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައިފައެވެ. އެހެންކަމުން މަދަރި ކޮންޓްރޯލް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މަދަރިން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވާވާގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން ބޭނުން ކުރުމަށާއި، ސްޕްރޭ ބޭނުން ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެއެވެ. އަދި ތިން ދުވަހަށްވުރެ ގިނައިން ހުން އަންނަނަމަ، ސިއްހީ އެހީތެރިއެއްގެ އެހީ ހޯދުމަށް އެޖެންސީން އެދިފައިވެއެވެ.