ހުޅުމާލޭގައި ވެއާހައުސިން ކޮމްޕްލެކްސް އެއް ގާއިމްކުރުމަށް ބަޔަކާއި ހަވާލުކޮށްފި
އަހުމަދު ޝުރާއު
4/24/2024, 5:24:10 PM
ހުޅުމާލޭގައި ގާއިމްކުރާ ވެއާހައުސް ކޮމްޕެލްސް
ހުޅުމާލޭގައި ޒަމާނީ ވެއާހައުސް ކޮމްޕްލެކްސްއެއް ހަދަން ނިންމައި، އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި މަސައްކަތް މިއަދު ހަވާލުކުރީ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑް އާއި އެވެ. މި ވެއާހައުސިން ކޮމްޕްލެކްސް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އިމާރާތް ކުރާ ކޮންޓްރެކްޓަރު، ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޒޯ ވެއިޑޮންއެވެ.
އެޗްޑީސީއިން ބުނީ އެކި ބާވަތުގެ މުދާ ރައްކާކުރުމަށް ތަފާތު ޔުނިޓްތައް ހިމެނޭހެން ފަރުމާކޮށްފައިވާ މި ކޮމްޕްލެކްސް އަކީ ވިޔަފާރިތަކަށް މުދާ ރައްކާކުރުމަށް ކުއްޔަށް ދޭނެ ތަނެއް ކަމަށެވެ. އެގޮތުން ކޯލްޑް ސްޓޯރޭޖް އާއި އިންޑަސްޓްރިއަލް ވެއާހައުސިން ޔުނިޓް އަދި ކާނާގެ ބާވަތްތަކާއި ކޮންޒިއުމަބްލް ރައްކާކުރެވޭ ޔުނިޓްތައް ހިމެނެއެވެ. މީގެ އިތުރުން އޮފީސް ޖާގައާއި ޝޯރޫމް ހިމެނޭ އިމާރާތެއް މި ކޮމްޕްލެކެސް ގައި ހުންނާނެއެވެ.
އެޗްޑީސީ އިން ބުނީ އެކި ބާވަތުގެ މުދާ ރައްކާކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ކޮމްޕްލެކްސް އަކީ ވިޔަފާރިތަކަށް މުދާ ރައްކާކުރުމަށް ލުއި ފަސޭހަ ވަސީލަތަކަށް ވާނެކަމަށެވެ. އަދި ވަކިން ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މުދާ ރައްކާކުރާނެ އިތުރު ޖާގަ ތަނަވަސްވެ، ވިޔަފާރި ފުޅާކުރެވޭނެ ފުރުސަތު ތަނަވަސް ވާނެކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެގޮތުން މި ކޮމްޕްލެކްސް އިމާރާތްކުރަނީ އޮޓޮމޭޓެޑް ވެއާހައުސް މެނޭޖްމެންޓް ސިސްޓަމް ގެ ވަސީލަތްތައް ހިމަނައިގެން ކަމަށާއި މި އެއްބަސްވުމުގެ ދަށުން ވެއާހައުސިން ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާކަމަށްވެސް އެޗްޑީސީއިން ބުނެއެވެ.