logoEN
cocacola
ނައިބުރައީސް ހުސެއިންގެ ކެޕްޓަން ކަމުގައި މުއިވެޔޮ އިން ފެށުން ރަނގަޅުކޮށްފި

ނައިބުރައީސް ހުސެއިންގެ ކެޕްޓަން ކަމުގައި މުއިވެޔޮ އިން ފެށުން ރަނގަޅުކޮށްފި

ހަސަން ޝަމްއޫން

logo

3/16/2024, 2:57:57 PM

# ވެޓަރަންސް ލީގު 2024# ނައިބު ރައީސް# ހުސައިން މުހައްމަދު ލަތީފް

ނައިބުރައީސް ހުސެއިން ވެޓަރަންސް ލީގުގައި ކުޅުއްވަނީ.. ފޮޓޯ: ވަގުތު

ވެޓެރަންސް ފުޓްބޯޅަ ލީގުގައި މިއަދު ހަވީރު ލެގޫންސް ސްޕޯޓްސް ކްލަބާއި މުއިވެޔޮ ފްރެންޑްސް ވާދަކުރި މެޗު ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުއިވެޔޮ ފްރެންޑްސް އިން މުބާރަތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ގޮސިޔާ

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ލެގޫންސް ސްޕޯޓްސް ކުލަބުން ނެވެ. މިލަނޑު މެޗު ފެށިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާރޒީ ނަންބަރ 20 އެވެ. މިއީ މުއިވެޔޮގެ ފަހަތުން އެޓީމުގެ ކީއްޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މުއިވެޔޮ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ސައީދު (އަންމަޓީ) އެވެ. މިއީ ލެގޫންސްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި މުއިވެޔޮ ފްރެންޑްސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 16 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ވެސް އަހުމަދު ސައީދު (އަންމަޓީ) އެވެ.

މުއިވެޔޮ އިން ލީޑު ފުޅާކުރި ލަނޑު މެޗު ނިމެން އުޅެނިކޮށް އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން މުއިވެޔޮ ފްރެންޑްސް ކުރީގައި އޮވެގެންނެވެ.

މިމެޗުގައި ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) މުއިވެޔޮ ފްރެންޑްސްގެ ކެޕްޓަން ބޭންޑް އަޅުއްވައިގެން ކުޅުއްވިއިރު، ކުރިން ކްލަބް އީގަލްސްގެ ޗެއާމަންކަން ވެސް ކުރެއްވި ސެމްބެ އަކީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ވެސް ކުޅިވަރު މުބާރާތްތަކުގައި ކުޅުއްވާ ބޭފުޅެކެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އެފްއޭއެމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓްގެ މަގާމް ވެސް އަދާ ކުރައްވައިފަ އެވެ.

މިއަހަރުގެ ވެޓެރަންސް މުބާރާތް ކުރިއަށް ދަނީ 35 އަހަރުން މަތީގެ ކުޅުންތެރިން ހިމެނޭ 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

މުއިވެޔޮ ފްރެންޑްސް އާއި ލެގޫންސްގެ އިތުރުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، އެމްއެސް މޭޓްސް، އަދި ކްލަބް ސްޓެލްކޯ ހިމެނެނީ ގުރޫޕް ބީގަ އެވެ. ގުރޫޕް އޭގައި ހިމެނެނީ ހުޅުމާލެ ވެޓެރަންސް، ވިިލިމާލެ ޔުނައިޓެޑް، ޕޮލިސް ކްލަބް، ހުއްރިއްޔާ (ހުރާ) އަދި ދިވެހި ސިފައިންގެ ކްލަބް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ