އަންހެނުންނަށް ޚާއްސަ "ފަށާ މަދަދު" ލޯން، މާދަމާ ދޫކުރަން ފަށަނީ
އައިޝަތު އިފާޝާ
3/2/2024, 7:40:44 AM
ފަންނު އެކްސްޕޯ 2019 ގެ ތެރެއިން
އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށް ދޫކުރާ "ފަށާ މަދަދު" ލޯނު މާދަމާ ދޫކުރަން ފަށާނެކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ވިދާޅުވެއްޖެއެވެ.
"ފަށާ މަދަދު" ލޯނުން ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައި ވަނީ އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ކޮންވެންޝަނަލް ބޭންކުތަކުން ޚިދުމަތް ލިބިދިނުމުގައި ދަތިތައް ދިމާވާ ފަރާތްތަކަށެވެ. އޭގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެއެވެ. އަދި ލޯނު 7 އަހަރު ދުވަހަަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެހިފައެވެ.
މިލޯންގެ އިތުރުން އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ފަށާ މަދަދު - ލީޒިން" ސްކީމެއްވެސް އެސްޑީއެފްސީންވަނީ ތަޢާރަފްކޮށްފައެވެ. މިސްކީމުގެ މަޤްޞަދަކީ ދިވެހި އަންހެނުންގެ ތެރެއިން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކާއި ފްރީލާންސްކޮށް އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން އެ ފަރާތްތަކުގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ހަރުމުދާ ގަތުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމެވެ.
ފަށާ މަދަދު ލީސިންގެ ދަށުން 10،000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ދޫކުރާނެއެވެ. ގްރޭސް މުއްދަތުގެ ގޮތުގައި 6 މަސް ލިބޭއިރު، ލޯނު ދައްކަން ލިބޭނީ ފަސް އަހަރު ދުވަހެވެ. އިންޓަރެސްޓުގެ ގޮތުގައި 8 ޕަސަންޓު މި ލޯނުން ނަގާނެއެވެ.
އެސްޑީއެފްސީން ވިދާޅުވީ މި ލޯން ސްކީމުގެ %25 ޚާއްޞަ ކޮށްފައި ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ އަންހެނުންނަށްކަމަށެވެ. އަދި ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ފުރުސަތު ލިބި، މާލީ ޙާލަތު ކަށަވަރުނުވުމުން ލޯނު ނުލިބޭ ފަރާތްތަކަށްވެސް މިލޯން ސްކީމުގެ ތެރެއިން ފުރުސަތު ފަހިވެގެންދާނެ ކަމަށް އެސްޑީއެފްސީން ވިދާޅުވެއެވެ.
އަންހެނުންނަށް ޚާއްސަ 100 މިލިއަން ރުފިޔާގެ ލޯނު އަދި ލީސިންގ ސްކީމް ތަޢާރަފްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14ގެ ވަޢުދުގެ ތެރޭގައިވެސް ހިމެނޭކަމެކެވެ.