އަންހެނުންނަށް މާލީ އެހީދޭ ސްކީމެއް އިފްތިތާހްކޮށްފި
އަހުމަދު ޝުރާއު
2/24/2024, 2:30:10 AM
އަންހެނުންނަށް މާލީ އެހީދޭ ސްކީމު
އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ން އަންހެނުންނަށް ޚާއްސަކޮށް "ފަށާ މަދަދު" އަދި "ފަށާ މަދަދު ލީސިން"ގެ ނަމުގައި ލޯން ސްކީމް ތައާރަފުކޮށްފިއެވެ.
އެސްޑީއެފްސީން ބުނީ "ފަށާ މަދަދު ލޯން" ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 3 ގައި ހުޅުވައިލާނެ ކަމަށެވެ. އަދި "ފަށާ މަދަދު ލީސިން" އަށް ވެސް މާޗްގެ ތެރޭގައި ހުޅުވައިލާނެ އެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިމްމަ އެވެ.
ފަށާ މަދަދު ލޯނަށް ކުރިމަތިލެވޭނީ، އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން އެހެން ބޭންކްތަކުން ލޯނު ހޯދުމަށް ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކަށެވެ. އެފަރާތްތަކަށް ފަށާ މަދަދުގެ ދަށުން އެއް ލައްކަ ރުފިޔާ އާއި ފަސް ލައްކަ ރުފިޔާއާ ދެެމެދުގެ އަދަދަކަށް ލޯނު ލިބޭނެ އެވެ. ލޯނު އަނބުރާ ދެއްކުމުގެ މުއްދަތަކީ 7 އަހަރެވެ. އިންޓަރެސްޓުގެ ގޮތުގައި ހަ ޕަސަންޓު މި ލޯނުގެ ދަށުން ނަގާނެއެވެ.
ފަށާ މަދަދު ލީސިންގ ލޯނަކީ (އެސްޑީއެފްސީ) އާއި އިގްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެން ވިޔަފާރި ކުރަމުންދާ އަންހެން ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތެއްގައި ލީސިން ފައިނޭންސް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް ތައާރަފު ކޮށްފައިވާ ލޯނެކެވެ. މި ލޯނުގެ ދަށުން 10،000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ދޫކުރާނެއެވެ. ގްރޭސް މުއްދަތުގެ ގޮތުގައި ހަ މަސް ލިބޭއިރު، ލޯނު ދައްކަން ލިބޭނީ ފަސް އަހަރު ދުވަހެވެ. އިންޓަރެސްޓުގެ ގޮތުގައި އަށް ޕަސަންޓު މި ލޯނުގެ ދަށުން ނަގާނެއެވެ. މި ލޯނަށް ޝަރުތު ހަމަވާނީ މެދުނުކެނޑި ހަ މަސްދުވަހު ވިޔަފާރި ކޮސްފައިވާ މީހުންނަށެވެ. އަދި، މި ލޯނު ބޭނުން ކުރެވޭނީ ވިޔަފަރިއަށް ހަރުމުދާ ގަތުމަށެވެ.
އަންހެނުންނަށް ހާއްސަކޮށް ހުޅުވާ ފައިނޭންސިން ފެސިލިޓީއަކީ ސަރުކާރުގެ ހަފްތާ 14ގެ ތެރޭގައި ހިމެނޭ ވައުދެކެވެ.