
އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓެއް ރާއްޖޭގައި
ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު، އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ މެނޭޖްމަންޓް އެންޑް ރިސޯސަސް ރިޗަރޑް ވަރްމާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ދެބޭފުޅުންގެ ބައްދަލުކުރެއްވުން އޮތީ މިއަދު ފޮރިން މިނިސްޓްރީގައި އެވެ. އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ މެނޭޖްމަންޓް އެންޑް ރިސޯސަސް ރިޗަރޑް ވަރްމާ ރާއްޖެ ވަޑައިގެންފައިވަނީ އޭނާ ދެކުނު އޭޝިޔާގެ ބައެއް ގައުމުތަކަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިންނެވެ.
މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރާއި ޑެޕިއުޓީ ސެކްރެޓަރީ ވަރުމާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، ޑިމޮކްރެޓިކް އުޞޫލުތަކާއި، ޤާނޫނީ ވެރިކަމަށް އަހުލުވެރިވުމާއި، އިޤްތިޞާދީ ތަނަވަސްކަމާއި، ދިފާޢީ އަދި ސަލާމަތީ ދާއިރާއިން ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދިނުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރ ޒަމީރާއި ޑެޕިއުޓީ ސެކްރެޓަރީ ވަރްމާ ވަނީ ވިސާގެ ކަންކަން ހަރުދަނާކުރުމާއި، މިނިމަމް ހުރަސްތަކާއެކު ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މިނިސްޓަރ ޒަމީރު ވަނީ 17 ނޮވެމްބަރ 2023 ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މަޤާމުގެ ހުވާ ކުރެއްވުމަށްފަހު، ރާއްޖެއާއި ގުޅުން ބަދަހިކުރެއްވުމަށް އެމެރިކާ ސަރުކާރުން ކުރައްވަމުން ގެންދަވާ ޝައުގުވެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
މިނިސްޓަރު ޒަމީރުގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދު އާއި ސެކްރެޓަރީ ބައިލެޓަރަލް ޑރ ހާލާ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދާއި ސީނިއާ އަންޑަ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބާއި ޑެސްކް އޮފިސަރު ސައިފުއްލާ ވަލީދު ބައިވެރިވެވަޑައިގެންނެވި އެވެ.
ގުޅުންހުރި

އެމެރިކާގެ އެހީގައި ދިވެހިރާއްޖޭގައި ހަކަތައިގެ މަޝްރޫޢެއް ފެށުމަށް އެމް.އޯ.ޔޫ އެއްގައިސޮއިކޮށްފި

ޓްރަމްޕު އަވަހާރަކޮށްލަން ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނާއި އާޓިސްޓުންނަށް ޑިޖިޓަލް ފުރުސަތުތައް ފަހިކުރުމަށް އެމެރިކާއާއިއެކު މަޝްވަރާކޮށްފި
