"ކްރިއޭޓަރ ހަބް" ޑިޒައިންކޮށް އިމާރާތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި
އަލްފާ އަލީ
2/15/2024, 11:15:00 AM
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ގާއިމްކުރާ 'ކްރިއޭޓަރ ހަބް' ޑިޒައިންކޮށް އިމާރާތް ބަޔަކާ ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން ---
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ގާއިމްކުރާ 'ކްރިއޭޓަރ ހަބް' ޑިޒައިންކޮށް އިމާރާތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
ބީސީސީން މި މަސައްކަތް ހަވާލުކޮށްފައިވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑް އާ އެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން 400 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
1500 އަކަފޫޓުގެ ޖާގައެއްގައި ޤާއިމުކުރުމަށް ނިންމާފައިވާ ކްރިއޭޓަރ ހަބް ހުޅުވުމަށް ހަމަޖެހިފައި ވަނީ 2025 ވަނަ އަހަރުގެ މެދުތެރޭގައެވެ.
ކްރިއޭޓަރ ހަބް އިމާރާތް ކުރުމަށް ބީސީސީއިން ބިޑަށް އިޢުލާން ކޮށްފައިވަނީ 1 ޖެނުއަރީ 2024 ގައެވެ. ކްރިއޭޓަރ ހަބް އިމާރާތުގެ މަސައްކަތް ފެޑޯ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު މުޙައްމަދެވެ. އަދި ފެޑޯ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ފަޔާޒެވެ.
"ކްރިއޭޓަރ ހަބް" އަކީ ރާއްޖޭގައި ފަންނުވެރި އިގްތިސާދެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގާރަ ފަންގިފިލާއަށް އިމާރާތްކުރާ، ކްރިއޭޓަރ ހަބް ވެގެންދާނީ ފަންނުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހައިން މަސައްކަތް ކުރެވޭނެ މަސައްކަތު ޖާގަތަކާއި ތަކާއި ފަންނުވެރި މަސައްކަތްތައް ކުރިއެރުވުމަށް ބޭނުންވާ ގިނަ ވަސީލަތްތައް ފަހިވެގެންދާނެ ތަނަކަށެވެ.
"ކްރިއޭޓަރ ހަބް"ގައި ގާއިމްކުރެވޭ ވަސީލަތްތަކަކީ ފަންނުވެރި ސިނާއަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާނެ އަދި މުހިންމު ވަސީލަތްތަކެއްކަން ކަށަވަރު ކުރުމަށްޓަކައި ބީސީސީން ދަނީ މި ސިނާއަތުގައި ޙަރަކާތްތެރިވާ އެކި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ތަފާތު ފޯރަމްތައްވެސް ބާއްވަމުންނެވެ.
ބީސީސީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެ ދިނުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ.