logoEN
cocacola
ތެލެސީމިއާ ހޮސްޕިޓަލަށް ބޭނުންވާ ބިން ހަމަޖެހިއްޖެ، ވަރަށް އަވަހަށް މަސައްކަތް ފެށޭނެ: ނައިބު ރައީސް

ތެލެސީމިއާ ހޮސްޕިޓަލަށް ބޭނުންވާ ބިން ހަމަޖެހިއްޖެ، ވަރަށް އަވަހަށް މަސައްކަތް ފެށޭނެ: ނައިބު ރައީސް

އައިޝަތު އިފާޝާ

logo

2/15/2024, 8:20:56 AM

# ނައިބު ރައީސް# ހުސައިން މުހައްމަދު ލަތީފް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފް - ފޮޓޯ: ރައީސް އޮފީސް

ތެލެސީމިއާ ހޮސްޕިޓަލް އެޅުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 71،000 އަކަފޫޓުގެ ބިމެއް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ނޭޝަނަލް ތެލެސީމިއާ ކޮންފަރެންސް" ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ މި މަހާސިންތާއަކީ ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންގެ އުއްމީދުތަކުގައި ކުލަޖެހިގެންދާނެ މަހާސިންތާއަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނާއި ކަމާ ގުޅޭ މާހިރުން އެއް ހިޔާވައްސެއްގެ ދަށުން ބައްދަލުވެ، ހިއްސާ ކުރެވޭ މައުލޫމާތުގެ ފައިދާ ދިގު ދެމިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ތެލެސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކުގެ ތަކުލީފުތައް ކުޑަކޮށްދެއްވައި އެ ކުދިންގެ ފަރުވާގެ ކަންކަން ފުރިހަމަކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރުގެ ހަފްތާ-14 މަގުޗާޓުގެ ތެރެއިން ތެލެސީމިއާ ކުދިންނަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ގިނަ ކަންކަން އެކުލަވާލައި އެކަންކަން މިހާރު ފަށާފައިވާކަމަށް ވިދާޅުވިއެވެ.

"އެގޮތުން ތެލެސީމިއާ ކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް މާލެ ސަރަހައްދުގައި ހަމަޖައްސަވައި، ކެބިނެޓުން އެކަން ނިންމުމަށްފަހު ހުޅުމާލެ ދެވަނަ ފިޔަވަހިން 71000 އަކަފޫޓުގެ ބިމެއް މިހާރު ވަނީ ހަމަޖައްސަވައިދެއްވާފައި. އަދި ހޮސްޕިޓަލް އެޅުމަށް ބޭނުންވާނެ ފައިސާގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. ދާދި އަވަހަށް އޭގެ މަސައްކަތް ފެށިގެންދާނެ،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ބޯންމެރޯ ޓްރާންސްޕްލާންޓްގެ ފަރުވާ ސަރުކާރުގެ ޚަރަދުގައި ހިލޭ ކުރެވޭ ގޮތް ހެދުމަކީވެސް ރައީސްގެ އެންމެ މުހިންމު އެއް ރިޔާސީ ވައުދުފުޅު ކަމަށާއި އެކަން ވެސް މިހާރު ފަށްޓަވާފައިވާ ކަމަށެވެ. އަދި ތެލެސީމިއާއަށް ބޭނުންވާ ބޭހާއި ކޮންޒިއުމަބަލްސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވަނީ ތެލެސީމިއާ ކުދިންނަށް ހިއްތަވަރު ދެއްވައި އަދި އާއިލާތަކުން ދޭ އެހީތެރިކަމާއި އެއްބާރުލުމަށް ތަރުޙީބު ދެއްވާފައެވެ. އަދި ތެލެސީމިއާ ބަލި ތަހައްމަލު ކުރާ ފަރާތްތަކަށް ލުއި އަދި ފަސޭހަ ގޮތްތައް ހޯދައިދޭން ސަރުކާރުގެ އެކި އިދާރާތަކުން އެކި ގޮތްގޮތުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

ތެލެސީމިއާ ހޮސްޕިޓަލް އެޅުމަށް 100 މިލިއަން ރުފިޔާގެ އެހީއެއް ދޭގޮތަށް ސަރުކާރަށް ދައްކާ ފީ ކުޑަކޮށްދޭން އުރީދޫއާއެކުވެސް ސަރުކާރުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ތެލެސީމިއާއަށް ހޭލުންތެރި ކުރުމުގެ ޤައުމީ ކެމްޕޭނެއްވެސް މި މަހު ސަރުކާރުން ވަނީ ފަށައިފައެވެ.

މިހާރު ކުރިއަށްދާ ނެޝަނަލް ތެލެސީމިއާ ކޮންފަރެންސަކީ ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާތަކާއި، އެ ކުދިންނަށް ދެވޭ ފަރުވާތަކަށް އަންނަ ޒަމާނީ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ތެލެސީމިއާ ހުންނަ ކުދިންގެ ބެލެނިވެރިންނަށް، މި ބައްޔާ ގުޅޭގޮތުން އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ބާއްވާ ކޮންފަރެންސެކެވެ. މިއީ މި ކޮންފަރެންސް ބާއްވާ 3 ވަނަ ފަހަރެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ