
މަޑަވެލި ކައުންސިލުން ނައިބު ރައީސާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފި
# ހުސައިން މުހައްމަދު ލަތީފް# ނައިބު ރައީސް# މަޑަވެލި ކައުންސިލްމަޑަވެލި ކައުންސިލް މެމްބަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފް ބައްދަލުކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލި ކައުންސިލުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ގދ. މަޑަވެލި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ބިމުގެ ދަތިކަމުގެ ސަބަބުން ހުރި ގޮންޖެހުންތަކާއި، ބަނދަރުގެ ޖާގަ ދަތިވުމުގެ ސަބަބުން ރަށުގެ މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ހިމެނެއެވެ.
އަދި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ނުނިމި ހުރުމާއި، މިސްކިތުގެ ޖާގައިގެ ދަތިކަމާއި، ސްކޫލުގައި އެކަށީގެންވާ ވަރަށް ކުލާސްރޫމްތައް ނެތުމާއި، ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުނުކުރެވޭތީ ކުރިމަތިވާ ދަތިތައްވެސް ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ގިނަ ކަންތައްތަކަކީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންތައްތައްކަން ފާހަގަކުރައްވައި، ސަރުކާރުން އަދި އެމަނިކުފާނުވެސް ބޭނުންފުޅު ވަނީ ރައްޔިތުންނަށް ދަތިވާ މުހިންމު ކަންކަން ޙައްލުކޮށްދެއްވުން ކަމުގައި ވިދާޅުވިއެވެ.
އަދި ގދ. މަޑަވެލީގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެސް މުހިންމު ޕްލޭންތަކެއް ހުރިކަން ފާހަގަކުރައްވައި، އެކަންކަން ކުރިއަށްގެންދަވާނީ ރަށުގެ ރައްޔިތުންނާ މަޝްވަރާ ކޮށްގެންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި، ކަމާގުޅޭ ވުޒާރާ އަދި އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގުޅުންހުރި

ސްޕެއިންއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބު ރައީސް ރާއްޖެ ވަޑައިގެންފި

ނައިބު ރައީސް، ޗައިނާ ސަފީރާއި ބައްދަލުކުރައްވައިފި

ނައިބު ރައީސް ، ހދ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި
