މާލޭގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ސްޓެލްކޯއިން ދެ ޖަނަރޭޓަރު ސެޓު ގެނެސްފި
އަލްފާ އަލީ
1/14/2024, 1:37:25 PM
GDuUamKaAAAvX7g
މާލޭގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ސްޓެލްކޯ އިން އިތުރު ދެ ޖެނެރޭޓަރު ގެނެސްފި އެވެ.
ސްޓެލްކޯއިން ވިދާޅުވީ މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށްޓަކައި، ގެނައުމަށް ހަމަޖެހިފައިވާ ޖެނަރޭޓަރު ސެޓްތަކުގެ ތެރެއިން 1.6 މެގަވޮޓްގެ ދެ ހައިސްޕީޑް ޖަނެރޭޓަރު ސެޓު ރާއްޖެ ގެނެވިފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ އެ ޖަނެރޭޓަރުތައް ބަހައްޓައި އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
ޕީކް ސީޒަންގެ ކުރިން މީގެ އިތުރު 2 ޖެނަރޭޓަރު ސެޓާއެކު ޖުމްލަ 6.4 މެގަވޮޓް ޕަވަރ ޖަނަރޭޝަން ކެޕޭސިޓީއަށް އިތުރު ކުރެވި، ޕީކް ސީޒަންގައިވެސް ރައްޔިތުންނަށް މެދުނުކެނޑި 24 ގަޑި އިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީން ސްޓެލްކޯއިން ވަނީ ދެއްވާފައެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯ އަބަދުވެސް ދެމި އޮންނާނީ ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ކަމަށާއި ކުންފުނީގެ މެނޭޖްމަންޓާއި، މުވައްޒަފުންގެ އުއްމީދާއި، ރޫޙު އަބަދުވެސް ހުންނާނީ އެމަގަށް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ވިދާޅުވީ ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ޕަވަރ ޕްރޮޖެކްޓް، ސިކްސްތް ޕަވަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި އިންޤިލާބީ ހެޔޮބަދަލެއް ރާއްޖޭގެ ކަރަންޓުގެ ސިނާއަތައް މި ވެރިކަމުގައި ގެނެވިގެންދާނެ ކަމަށެވެ.