logoEN
Sto top
ޗެންޕިއަން އިއްތިހާދު ބަލިކޮށް، އަލް ނަސްރު އިން ފަރަގު ކުޑަކޮށްފި

ޗެންޕިއަން އިއްތިހާދު ބަލިކޮށް، އަލް ނަސްރު އިން ފަރަގު ކުޑަކޮށްފި

ހަސަން ޝަމްއޫން

logo

12/27/2023, 1:58:32 AM

IMG_20231227_015428

ސައުދީ ޕްރޮފެޝަނަލް ލީގުގައި އަންގާރަދުވަހުގެ ރޭ ރަށުން ބޭރުގައި 5-2 ގެ ނަތީޖާއަކުން ޗެންޕިއަން އަލް އިއްތިހާދު ބަލިކޮށް އެއްވަނާގައި އޮތް އަލް ހިލާލް އާއި ދެމެދުގައިވާ ފަރަގު އަލް ނަސްރުން 7 ޕޮއިންޓަށް ކުޑަކޮށްފި އެވެ.

Wamco

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަލް އިއްތިހާދުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މޮރޮކޯ ފޯވާޑް އަބްދުއްރައްޒާކް ހަމްދުﷲ އެވެ.

މިއީ އެޓީމުގެ ކެޕްޓަން ކަރީމް ބެންޒީމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯޅައާއެކު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ކައިރީގައި ތިބި ދެކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް އޭގެ ފަސް މިނެޓު ފަހުން އަލް ނަސްރުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އަދި މިމެޗުގައި އަލް ނަސްރުން ފުރަތަަމަ ފަހަރަށް ލީޑު ހޯދި ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް އެންޑަސަން ޓަލިސްކާ އެވެ. މިއީ އެޓީމުގެ ބްރެޒިލް ޑިފެންޑަރު އެލެކްސް ޓެލްސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ވަރުގަދަކޮށް ފެށީ އަލް އިއްތިހާދުންނެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން 7 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މޮރޮކޯގެ ފޯވާޑް އަބްދުއްރައްޒާކް ހަމްދުﷲ އެވެ.

މިއީ އެޓީމަށް އަލް ނަސްރުގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު އިގޯ ކޮރޮނާޑޯ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑަށްފަހު ވެސް އެޓީމަށް ވަނީ މެޗުގެ ލީޑު ނެގުމަށް ވަރަށް ހުސް ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިފައެވެ.

ދެވަނަ ހާފު ފެށިގެން ރަނގަޅަށް ކުޅެމުން އަންނަނިކޮށް އަލް އިއްތިހާދަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ ފަހުހާފުގެ 67 ވަނަ މިނެޓުގައި އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ފަބީނިއޯ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ.

މިމެޗުގައި އަލް ނަސްރުން ދެވަނަ ފަހަރަށް ލީޑު ހޯދި ލަނޑު ފަހުހާފުގެ 68 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 17 މެޗުގައި އޭނާ ކާމިޔާބުކުރި 19 ވަނަ ލަނޑެވެ. އަދި މިއީ 2023 ވަނަ އަހަރު ރޮނާލްޑޯ ކާމިޔާބުކުރި 53 ވަނަ ލަނޑެވެ.

މިމެޗުގައި އަލް ނަސްރުގެ ފަހު ދެލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސެނަގާލް ފޯވާޑް ސަޑިއޯ މާނޭ އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-2 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 18 މެޗުން އަލް ނަސްރަށް 43 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އެންމެ ފަހުގެ ޗެމްޕިއަން އަލް އިއްތިހާދް ކުޅުނު 18 މެޗުން ލިބުނު 28 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 6 ވަނައިގައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside