
އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި އެންމެން ޖޫރިމަނާ ކުރުމަށްފަހު ދޫކޮށްލައިފި
l_161500912993rVM
އިދިކޮޅު ފަރާތްތަކުން އިއްޔެ ހަވީރު މާލޭގެ އެކި ސަރަހައްދުގައި ކުރި މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 25 މީހުން ދޫކޮށްލައިފިއެވެ. އަދި ފުލުހުން ވަނީ މިކަން ކަށަވަރުކޮށްދީފައި އެވެ.

ފުލުހުންގެ މައުލޫމާތުދޭ ގޮތުގައި، އެ މީހުން ދޫކޮށްލާފައި ވަނީ އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފުވާތީވެ ޖޫރިމަނާ ކުރުމަށް ފަހު ކަމަށެވެ. އަދި އެ މީހުން ހައްޔަރު ކޮށްފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އަދި ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ކުރިއަށް ގެންދިޔަ އެއްވުން ރޫޅާލުމުގެ ބޭނުމުގައި ކަމަށެވެ.
އިއްޔެގެ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރޭގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ހިމެނެ އެވެ. އަދި ގިނަ އަދަދެއްގެ އަންހެނުންވެސް ހިމެނެ އެވެ.
މުޒާހަރާތަކަށް ނިމުމެއް އަންނާނީ މަޝްވަރާގެ މޭޒަށްދާން ސަރުކާރުން އެއްބަސްވުމުން ކަމަށް އިދިކޮޅުން ވަނީ ބުނެފައިއެވެ. އިދިކޮޅުން އަންނަނީ މާލޭގެ މަގުތަކުގައި ސިލްސިލާ މުޒާހަރާތަށް މިހާރު ބާއްވަމުންނެވެ.