
ގދ އަތޮޅުގެ 4 ރަށެއްގައި ޤާއިމުކުރި ވާރޭ ފެން ރައްކާކުރެވޭނެ ނިޒާމު ފެނަކައާއި ހަވާލުކޮށްފި
IMG_2377
ގދ. ގައި ހިމެނޭ ހަތަރު ރަށެއްގައި ގާއިމުކުރި ވާރޭ ފެން ރައްކާކުރެވޭނެ ނިޒާމު، ފެނަކަ ކޯޕަރޭޝަނާ، އެންވަޔަރުމެންޓް މިނިސްޓްރީން ހަވާލުކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަންއާއި ހަވާލުކުރެވެނީ ވާރޭ ފެން ހާވެސްޓުކޮށް، ރައްކާކުރެވޭނެ ނިޒާމު ގާއިމްކޮށްފައިވާ ހޯނޑެއްދު އާއި ނަޑެއްލާ އާއި ރަތަފަންދު އާއި ފިޔޯރީގެ އިތުރުން ފަރެސްމާތޮޑާގެ ސިސްޓަމްތަކެވެ.
މި ހަތަރު ރަށުގައި ވަކިވަކިން ބޭއްވުނު ރަސްމިއްޔާތު ތަކުގައި ފެނަކަ ކޯޕަރޭޝަންއާއި މި ސިސްޓަމްތަށް ހަވާލުކޮށްދެއްވީ އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މި ސިސްޓަމްތަކާއި ހަވާލުވެވަޑައިގެންނެވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު އެވެ. މި ރަސްމިއްޔާތުތަކުގައި ޔޫއެންޑީޕީން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އަކީކޯ ފުޖީ އާއި އެ ރަށްރަށުގެ ކައުންސިލްތަކުންނާއި ފެނަކައިގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.
މި ރަށްރަށުގައި ވާރޭފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކުރީ ވޯޓާ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްއާއި އެވެ.މަޝްރޫއުގެ ބޮޑު ބަޔަކަށް ފަންޑުކުރީ ގްރީން ކްލައިމެޓް ފަންޑުންނެވެ. އެންވަޔަރުމެންޓް މިނިސްޓްރީ އާއި ޔޫއެންޑީޕީ ވެސް މި މަޝްރޫއުގެ ބަޔަކަށް ފަންޑު ކުރި އެވެ. މުޅި މަޝްރޫއަށް ޖުމްލަ 28 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. އަދި މިއަދު ފެނަކައާއި ހަވާލުކުރެވުމާއި އެކު މިތިންރަށުގެ ވާރޭފެން ފޯރުކޮށްދިނުމުގެ އޮޕަރޭޝަން ކުރިޔަށް ގެންދާނީ ފެނަކަ ކޯޕަރޭޝަނުންނެވެ.
މިއީ ހޫނު މޫސުމުގައި ގިނަ ދުވަހު ވާރޭ ނުވެހުމުން ފެނުގެ ދަތިކަމަށް ދިމާވާތީ، އެ މައްސަލަ އަށް ހައްލެއް ހޯދަން ކުރި މަސައްކަތެކެވެ.
މި މަޝްރޫއުގެ ދަށުން ރާއްޖޭގެ 25 ރަށެއްގައި މި ފަދަ ސިސްޓަމް ގާއިމްކުރަން ނިންމާފައި ވެ އެވެ. އެއިން ކޮންމެ ސިސްޓަމަކުން 150 ޓަނުގެ ފެން ރައްކާކުރެވޭނެ އެވެ.