ކުރީގެ މެމްބަރު ނާޒިމް ޕްރޮގްރެސިވް ކޯލިޝަންގެ މަޖިލީސް ޕްރައިމެރީގައި ވާދަކުރައްވަނީ
އަހުމަދު ޝުރާއު
12/10/2023, 7:53:49 PM
Screenshot 2023-12-10 at 19.53.04
ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ވެރިކަންކުރާ ޕީޕީއެމްއެމް،ޕީއެންސީ ގެ މަޖިލިސް ޕްރައިމެރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފި އެވެ.
މަޖިލީހުގެ ކުރީގެ ނައިބު ރައީސްކަންވެސް ކުރެއްވި ނާޒިމް ވާދަކުރައްވަނީ ދިއްގަރު ދާއިރާގެ މަޖިލިސް ޕްރައިމެރީގައި އެވެ. އެގޮތުން ޕްރައިމެރީގައި ވާދަކުރެއްވުމަށް ނާޒިމް ވަނީ މިއަދު ޕީއެންސީގެ ސެކެޓްރީއާއި ފޯމު ހަވާލުކުރައްވާފައި އެވެ.
ނާޒިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ޕީއެންސީގެ ޓިކެޓްގައި ދިއްގަރު ދާއިރާއަށް ވާދަކުރުމަށް ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ.
މީގެކުރިންވެސް ދިއްގަރު ދާއިރާގެ މެންބަރުކަން ކުރެެއްވި ނާޒިމްގެ ގޮނޑި ގެއްލުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުން އޭނާގެ މައްޗަށް 25 އަހަރުގެ ހުކުމެއް އިއްވުމާ ގުޅިގެންނެވެ. އެހެންނަމަވެސް ފަހުން އެ ނިންމުން މުރާޖާ ކޮށްދިނުމަށް ސުޕްރީމް ކޯޓުގައި 2018 ވަަނަ އަހަރު އެދުމުން ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ ނިންމާފައިވާ ނިންމުން ބާތިލުކޮށްފައެވެ. ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި ގެއްލި، އެކަމުގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ނާޒިމް ފަހުން ކޯޓަށްވެސް ހުށަހެޅިއެވެ. އަދި ބަދަލު ހޯދުމަށް ހުށަހެޅި އެ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ނިންމާފައެވެ.
ގިނަ ދުވަސްތަކެއް ސިޔާސީ މައިދާނާއި ދުރުގައި ހުންނެވުމަށްފަހު ނާޒިމް އެނބުރި ސިޔާސީ މައިދާނަށް ވަޑައިގެންނެވީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އެވެ.
ނާޒިމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ކުރިން ވަރަށް ގާތް ބޭފުޅެއް ކަމަށް ވިޔަސް ގުޅުން ގޯސްވެފައިވާތާ ވަރަށް ދުވަސް ވެއްޖެ އެވެ.