
049-eva
ރައްޔިތުންގެ މަޖިލިސް ނައިބުރައީސް އިވާ އަބްދުﷲ ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 ގައެވެ. މި ޖަލްސާގެ އެޖެންޑާގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމަށް ހުށަހަޅުއްވާފައިވާ ޤަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ.
މި މައްސަލައިގައި ކޮންމެ މެންބަރަކަށް ތިން މިނިޓަށް ވުރެ އިތުރު ނުވާނެ ގޮތުގެ މަތިން އެއް ފުރުސަތު ދިނުމަށް މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އަދި މައްސަލައިގައި ޖަވާބު ދާރީވުމަށް އީވާއަށް 30 މިނެޓްގެ ފުރުސަތެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މި މަހުގެ 13 ވަނަ ދުވަހު އެމްޑީޕީން ހުށަހަޅާފައިވަނީ 50 މެމްބަރުންގެ ސޮޔާއެކުގައެވެ. އީވާގެ އިތުބާރުނެތްކަމުގެ މައްސަލައެއް މީގެ ކުރިންވެސް އެމްޑީޕީން ހުށަހެޅިއެވެ. ނަމަވެސް ފަހުން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.