
Palestine
ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަލުން ހަމަލާދޭން ފެށި ފަހުން މިހާތަނަށް 29 މީހުން ޝަހީދުވެފައިވާ ކަމަށް ފަަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ޔަހޫދީ އަސްކަރިއްޔާގެ ވައިގެ ހަމަލާތައް ފެށިތާ ތިން ގަޑިއިރު ނުވަނީސް 29 މީހުން ޝަހީދުވެފައިވާ ކަމަށެވެ.
އެގޮތުން ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ލަހިޔާގައި 2 ޝަހީދުވެފައިވާއިރު، ޣައްޒާގެ އުތުރުގައި އޮންނަ ޒައިތޫން އަދި ޝުޖާޔާ ސަރަހައްދުގައި 5 މީހުން، ޣައްޒާގެ މެދުތެރޭގެ މަޣާޒީގައި 10 މީހުން، ޣައްޒާގެ ދެކުނުގެ ޚާން ޔުނިސް ސިޓީގައި 1، ޚާން ޔޫނުސްގެ ދެކުނުގައި އޮންނަ ހައްމާދު ޓައުންއިން 2 މީހުން އަދި ޣައްޒާގެ ދެކުނުގައި އޮންނަ ރަފާގައި 9 މީހަކު މިހާތަނަށް ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔަހޫދީ އިސްރާއީލުން މިދިޔަ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 15،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު އޭގެ ތެރޭގައި 6،000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.