
އިސްރާއީލުން ފަލަސްތީނުގެ 30 މީހަކު ދޫކޮށްލިއިރު، އިތުރު 40 މީހަކު މިއަދު ހައްޔަރުކޮށްފި
skynews-israel-palestine_6205853
ޔަހޫދީ އިސްރާއީލާއި ފަަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާ ދެމެދު އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން ޔަހޫދީން ރަހީނުކޮށްފައިވާ ފަލަސްތީނުގެ 30 މީހަކު މިއަދު މިނިވަން ކޮށްފައިވާއިރު، ހުޅަނގު އައްސޭރީގައި މިއަދު އެކަނިވެސް 40 މީހުން ހައްޔަރުކޮށްފިއެވެ.

ފަލަސްތީނު ޕްރިޒަނަރސް ކޮމިޝަނާއި ޕްރިޒަނަރ ސޮސައިޓީން ބުނީ އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގި މި އޮޕަރޭޝަންތަކުގައި ފަލަސްތީނުގެ 40 މީހަކު ހިފަހައްޓާފައިވާ ކަމަށެވެ.
އަދި ހައްޔަރުކުރި މީހުންގެ ތެރޭގައި ހެބްރޮން، ބައިތުލެހެމް، ތުލްކަރްމް އަދި ގުދުސް އަށް ނިސްބަތްވާ މީހުން ހިމެނޭއިރު، އޭގެ ތެރޭގައި ދާދި ފަހުން މިނިވަންކުރި ދެ އަންހެން ކުދިންނާއި، މިނިވަންކުރި އިތުރު ބަޔަކު ހިމެނޭ ކަމަށްވެސް ރިޕޯތުތައް ބުނެއެވެ.
ހެބްރޮން އިން 10 މީހުން ހައްޔަރުކޮށްފައިވާއިރުމ ގުދުސްގައި ހަތް މީހުން، ބައިތުލެހެމް ގައި އަށް މީހުންމ އަދި ތުލްކަރަމްގައި ނުވަ މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ މީހުން ވެސް ހިމެނެއެވެ.
މީގެ އިތުރުން ކަލްކިލްޔާއިން ދެ މީހަކު، ޖެރީކޯއިން އެކަކު އަދި ތޫބާސްއިން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ޖަމިއްޔާތަކުން ބުނެއެވެ.
އެންމެ ފަހުން ހައްޔަރުކުރި މީހުންނާއެކު މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާއަށް އިސްރާއީލުން ހަމަލާދޭން ފެށި ފަހުން ހިފާފައިވާ ސަރަހައްދުތަކުގައި ފަލަސްތީނުގެ 3365 މީހުން ހިފަހައްޓައިފަ އެވެ.