
ފަސޭހަކަމާއި އެކު ލެންސް އަތުން މޮޅުވެ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އާސެނަލް ދެވަނަ ބުރަށް
IMG_20231130_114837

ޔުއެފާ ޗެމްޕިއަންސްލީގު ގްރޫޕް ބީގައި ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި 6-0 ގެ ނަތީޖާއަކުން ލެންސް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރުގެ އާސެނަލް ޖަގައެއް ކަށަވަރުކޮށްފި އެވެ.
މިދެޓީމު ލެންސް ގެ ދަނޑުގައި ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން އާސެނަލް ބަލިވެފައިވާއިރު، ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި އާސެނަލް އިން ވަނީ ފަސް ލަނޑުގެ ލީޑެއް ނަގާފައެވެ.
މިމެޗުގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖަރުމަނުގެ ފޯވާޑް ކައި ހާވަޓްޒް އެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސަސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި ބަކަޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގެބްރިއަލް ޖީސަސް ތަނަވަސްކޮށްދިން އިރު އޭގެ ދެމިނެޓު ފަހުން ސަކާ ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
އާސެނަލް އިން މިމެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ގެބްރިއަލް މާޓިނެލީ ކާމިޔާބުކޮށްދިން އިރު އެޓީމުގެ ފަސްވަނަ ލަނޑު ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ކެޕްޓަން މާޓިން އޮޑެގާޑް އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 5-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި އާސެނަލް އިން ކާމިޔާބުކުރި ހަވަނަ ލަނޑު ދެވަނަ ހާފުގެ 86 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ މިޑްފީލްޑަރު ޖޯޖީނިއޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 6-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ފަސް މެޗުން އާސެނަލް އަށް 12 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ މިގުރޫޕްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ލެންސް ކުޅުނު ފަސް މެޗުން ލިބުނު ފަސް ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގްރޫޕްގެ ތިންވަނައިގައެވެ.