logoEN
Sto top
ގަލަތަސަރާއީ އާއި އެއްވަރުވެ، ޔުނައިޓެޑަށް އަމިއްލަ ބާރު ގެއްލިއްޖެ

ގަލަތަސަރާއީ އާއި އެއްވަރުވެ، ޔުނައިޓެޑަށް އަމިއްލަ ބާރު ގެއްލިއްޖެ

ހަސަން ޝަމްއޫން

logo

11/30/2023, 8:18:53 AM

IMG_20231130_081743

ޔުއެފާ ޗެމްޕިއަންސްލީގު ގްރޫޕް އޭގައި ބުދަ ދުވަހުގެރޭ ރަށުން ބޭރުގައި ގަލަތަސަރާއީ އާއި އެއްވަރުވެ މުބާރާތުގައި ކުރިއަށް ދިއުމުގެ އަމިއްލަ ބާރު މެންޗެސްޓާ ޔުނައިޓެޑަށް ގެއްލިއްޖެ އެވެ.

Wamco

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ މެންޗެސްޓާ ޔުނައިޓެޑުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިވަގުތު ރަގަޅު ފޯމެއްގައި ހުރި ޒުވާން ފޯވާޑް އަލްޖެންޑްރޯ ގަނާޗޯއެވެ.

މިއީ އެޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ 7 މިނެޓް ފަހުން ބްރޫނޯ ފެނާންޑޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ގަލަޓަސަރާއީ އިން ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކުރި އެވެ. މިލަނޑު ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަލްޖަޒީރާ ފޯވާޑް ހަކީމް ޒިޔެޗް އެވެ.

މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ޔުނައިޓެޑުން ނެވެ. އެގޮތުން ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ޔުނައިޓުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް ދެ ލަނޑުގެ ލީޑެއް ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްކޮޓްލޭންޑްގެ މިޑްފީލްޑަރު ސްކޮޓް މެކް ޓޮމިނޭ އެވެ.

މިމެޗުގައި ގަލަތަސަރާއީ އިން ކާމިޔާބުކުރި ދެވަނަ ލަނޑު ފަހުހާފުގެ 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޒިޔެޗް އެވެ. އަދި މިމެޗުގައި އެޓީމުން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ކެރެމް އަކްތުރުކޮގްލޫ އެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-3 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ކުޅުނު ފަސް މެޗުން ގަލަތަސަރާއީ އަށް ފަސް ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގްރޫޕްގެ ތިންވަނައިގައެވެ.

ދެވަނަގައި އޮތް ކޯޕަންހޭގަން އަށް ވެސް ފަސް މެޗު ފަސް ޕޮއިންޓް ލިބިފައިވާއިރު، މިގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހޯދާފައިވާ ބަޔާން މިއުނިކެވެ. އަދި ރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު ފަސް މެޗުން ޔުނައިޓެޑް ހަތަރު ޕޮއިންޓް ލިބުނުއިރު އެޓީމު މިވަގުތު އޮތީ ގްރޫޕްގެ ފުލުގައެވެ.

މުބާރާތުގެ ދެވަނަ ބުރުން ޔުނައިޓެޑަށް ފުރުސަތު ލިބެން އޮތީ ގުރޫޕްގެ ފަހު މެޗުގައި ބަޔާން އަތުން މޮޅުވެ ކޯޕަންހޭގަން އާއި ގަލަތަސަރާއީ ވާދަކުރާ މެޗު އެއްވަރުވެގެން ނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside