
ފިރިމީހާއަށް ފިލައިގެން ލޯބިވެރިޔާއާ ކައިވެނިކުރަން ޕާކިސްތާނަށް ދިޔަ އަންހެން މީހާ އެނބުރި އިންޑިއާއަށް
anju-295600301-16x9_0 copy
ފޭސްބުކް އިން ދިމާވި ލޯބިވެރިޔާއާ ކައިވެނިކުރަން އާއިލާއަށް ފިލައިގެން ޕާކިސްތާނަށް ދިޔަ އަންޖޫ ނަމަކަށް ކިޔާ އިންޑިއާ އަންހެން މީހާ އެނބުރި ގައުމަށް ގޮސްފިއެވެ.

ފޭސްބުކް އިން ދިމާވި ނަސްރުﷲ ނަމަކަށް ކިޔާ މީހާއާ ކައިވެނި ކުރަން އަންޖޫ ޕާކިސްތާނަށް ގޮސްފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. ވާގާ ބޯޑަރު ހުރަސްކޮށް އަންޖޫ ޕާކިސްތާނަށް އެތެރެވުމަށްފަހު ލޯބިވެރިޔާއާ ދެމީހުން އެކުގައި ދިރިއުޅެމުން ދިޔައީ ޕާކިސްތާނުގެ ޚައިބަރު ޕަޚްތޫންޚުވާގައެވެ.
ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އުމުރުން 34 އަަހަރުގެ އަންޖޫ ވަނީ ލޯބިވެރިޔާއާ ކައިވެނިކުރުމަށް އިސްލާމްދީން ގަބޫލުކުރުމަށްފަހު އޭނާގެ ނަން ފާތިމާއަށް ބަދަލުކޮށްފައެވެ.
އެނބުރި އިންޑިއާއަށް ދިއުމަށް ޕާކިސްތާނުން ފުރުމުގެ ކުރިން އަންޖޫ ވަނީ އެތަނުގައި ހޭދަކުރި ދުވަސްތަކަކީ އޭނާގެ ދިރިއުޅުމުގެ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށާއި، އެންމެންވެސް އޭނާއަށް ރަނގަޅު މެހެމާންދާރީއެއް އަދާކުރި ކަމަށެވެ.
އަންޖޫ އާއި ނަސްރުالله އެންމެ ފުރަތަމަ ބުނެފައި ވަނީ ކައިވެނި ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ވިސާގެ މުއްދަތު ހަމަވުމުން އޮގަސްޓް މަހުގެ 20 ވަނަ ދުވަހު އެނބުރި އިންޑިއާއަށް އަންނާނެ ކަމަށެވެ. ނަމަވެސް އެ ދެމީހުން ކައިވެނިކުރީ އެފަދަ ވާހަކަތައް ދެއްކިތާ އެއް ދުވަސް ފަހުންނެވެ.
އެދެމީހުން ކައިވެނި ކުރުމާއި ގުޅިގެން ޕާކިސްތާނުން ވަނީ މިދިޔަ އޮގަސްޓްމަހު އޭނާގެ ވިސާ އެއް އަހަރަށް އިތުރުކޮށްފައެެވެ.
އިންޑިއާގެ ރާޖަސްތާނުގެ ބިވާދީ ޑިސްޓްރިކްޓަށް ނިސްބަތްވާ އަންޖޫ ޕާކިސްތާނަށް ލޯބިވެރިޔާއާ ކައިވެނިކުރަން ދިޔައިރު ހުރީ މީހަކާ އިނދެގެންނެވެ. އަދި އޭނާގެ ދަރިންވެސް ތިބެއެެވެ.
އަދި ޕާކިސްތާނަށް ދިޔައީ، ފިރިމީހާ އަރްވިންދު ކައިރީގައި އޭނާ ދަނީ ޖައިޕޫރަށް ކަމަށް ބުނުމަށްފަހުއެވެ. އަދި ޕާކިސްތާނަށް އަންޖޫ ދިޔަކަން އަރްވިންދުއަށް އެނގުނީ މީޑިއާ މެދުވެރިކޮށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން އަރްވިންދު ވަނީ އޭނާގެ އަނބިމީހާގެ ލޯބިވެރިޔާގެ ކަންތައް އޭނާއަށް ކުރިންވެސް އެނގޭ ކަމަށާއި، އަނބިމީހާ އަނބުރާ އޭނާ ކައިރިއަށް އަންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.