
އަށް މީހުންނާއެކު ދަތުރުކުރި އެމެރިކާގެ މަތިންދާބޯޓެއް ވެއްޓިއްޖެ
816
އަށް މީހުންނާއެކު ދަތުރުކުރި އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓިއްޖެ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މި މަތިންދާބޯޓު ވެއްޓިފައިވަނީ ޖަޕާނުގެ ދެކުނުގައި އޮންނަ މައި ރަށް ކަމަށްވާ ކިއުޝޫގެ ދެކުނުގައި އޮންނަ ޔަކުޝީމާ އައިލެންޑް ކައިރިއަށް މިއަދުގެ ވަގުތެއްގައި ކަމަށް ޖަޕާނުގެ ކަމާބެހޭ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ޖަޕާނުގެ ބްރޯޑްކާސްޓަރު އެންއެޗްކޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަތިންދާބޯޓު ވެއްޓުނު ވަގުތު މަސައްކަތް ކުރަމުން ދިޔައީ ޔަކުޝީމާ އެއާޕޯޓަށް ޖައްސަން ކަމަށެވެ. އަދި މަތިންދާބޯޓުގައި އަލިފާން ރޯވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މިހާދިސާއާއި ގުޅިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޖަޕާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މިދިޔަ އޮގަސްޓް މަހުގެ ތެރޭގައިވެސް އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް އޮސްޓްރޭލިއާގެ އުތުރުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަނިކޮށް ވަނީ ވެއްޓިފައެވެ. އަދި އެވަގުތު އެ ބޯޓުގައި ތިބި 23 މީހުންގެ ތެރެއިން އެމެރިކާގެ އަސްކަރިއްޔާގެ ތިން ސިފައިން ވަނީ މަރުވެފައެވެ.
އިތުރު ތަފްސީލު އަންނަނީ..