
އިންޑިއާގައި ބިއްލޫރި ދޮރެއް ވެއްޓި 3 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
3
އިންޑިއާގައި ބިއްލޫރި ދޮރެއް ވެއްޓި އުމުރުން 3 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.

އިންޑިއާގެ ޕަންޖާބުގެ ލުދިއާނާގައި ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން ތިން އަހަރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާ ނިޔާވީ ޝޯރޫމެއްގެ ބޮޑު ބިއްލޫރި ދޮރެއް އޭނާގެ ގައިމައްޗަށް ވެއްޓުމުގެ ސަބަބުންނެވެ.
އެ ސިޓީގެ ގުމާރު މަންޑީ މާރުކޭޓުގައި ހިނގި މި ހާދިސާގައި އެ އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އެ ކުއްޖާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
މި ހާދިސާ ހިނގި މަންޒަރުގެ ވީޑިއޯ އިން ފެންނަ ގޮތުގައި، އެކުއްޖާ ދޮރުގެ އަތްގަޑުގައި ހިފައިގެން ހުއްޓާ އެކުއްޖާގެ ގައިމައްޗަށް ދޮރު ވެއްޓޭ މަންޒަރު ފެނެއެވެ.
ދޮރު ވެއްޓުމާއެކު އެ އަންހެން ކުއްޖާގެ އާއިލާގެ މީހުންނާއި ޝޯރޫމްގައި މަސައްކަތް ކުރާ މީހުން ދުވެފައި ގޮސް ބިއްލޫރި ދޮރުގެ ދަށުން އެކުއްޖާ ނަގާތަން ފެނެއެވެ.
މި ހާދިސާއާއި ގުޅިގެން އާއިލާގެ ފަރާތުން ފުލުހަށް މައްސަލަ ހުށަހަޅާފައި ނުވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.