
ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންނަށްވުރެ ބަލިތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ - ޑަބްލިއުއެޗްއޯ
GAAOICQWEAEFbvY

ސިއްހީ ނިޒާމު އިއާދަ ނުކުރެވިއްޖެނަމަ ޣައްޒާގައި ބޮމުގެ ހަމަލާތަކަށް ވުރެ ފަރުވާ ނުލިބޭ ބަލިތަކުގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފި އެވެ.
ގާތްގަނޑަކަށް 1.1 މިލިއަން މީހުން ހިޔާވަހިކަން ހޯދަމުން އަންނަ އދ.ގެ ފެސިލިޓީތަކުގައި ތިބި ކުޑަކުދިންގެ މެދުގައި ބޭރަށް ހިންގުމާއި އާއި ނޭވާލާ ނިޒާމުގެ އިންފެކްޝަންތައް ވަރަށް ބޮޑަށް ފެތުރެމުންދާކަން ޑަބްލިއުއެޗްއޯއިން ވަނީ ހާމަކޮށްފައެވެ.
އަދި ސިއްހީ ނިޒާމު ފުނޑުފުނޑުވެފައި ވުމުގެ ސަބަބުން ކެންސަރު ފަދަ ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވެސް ފަރުވާއެއް ނުލިބޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ޑަބްލިއުއެޗްއޯއިން މިފަދައިން އިންޒާރު ދީފައި މިވަނީ އިސްރާއީލާއި ހަމާސްއާ ދެމެދު ހަމަލާތައް ބަދަލުކުރުން މެދުކަނޑާލާފައިވާތާ ފަސް ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ އެއްބަސްވި ހަތަރު ދުވަހުގެ މުއްދަތު ނިމުމުން މިހާރު ވަނީ އިތުރު ދެ ދުވަހަށް ހަމަލާތައް ބަދަލުކޮށް ހައްޔަރުކޮށްފައި ތިބި އަސީރުން ބަދަލުކުރުމުގެ އިތުރު އެއްބަސްވުމަކަށް ގޮސްފައެވެ.
ގަތަރާއި މިސްރާއި އެމެރިކާގެ މެދުވެރިކަމުގެ ދަށުން ހަދާފައިވާ މި އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 60 އަންހެނުންނާއި ކުޑަކުދިންގެ ބަދަލުގައި ޣައްޒާގައި ބަންދުކޮށްފައި ތިބި އިސްރާއީލުގެ އިތުރު 20 އަންހެނުންނާއި ކުޑަކުދިން ދޫކޮށްލަން ޖެހެ އެވެ.
މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަަމަލާތަކުގައި 14،800 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ހަލާކުވެފައިވާ އިމާރާތްތަކުގެ ކުނިތަކުގެ ދަށުގައި 6،000 އެއްހާ މީހުން ތާށިވެފައި ތިބި ކަމަށް ޣައްޒާގެ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.