
AP23330505484383-640x400
ޔަމަނުގެ އެޑެންގެ އައްސޭރިފަށުން އިސްރާއީލާ ގުޅުން އޮންނަ ބޯޓަކަށް ހަމަލާދީ އެ ބޯޓު އަތުލައިގެންފިއެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވި ނަމަވެސް، ފާއިތުވި ދުވަސްތަކުގައި ޔަހޫދީންނާ ގުޅުންހުރި އިތުރު ދެ ބޯޓަކަށް ވަނީ ހަމަލާދީފައެވެ. އެގޮތުން ޔަމަނުގެ ހޫތީން ވަނީ މީގެ ކުރިން ރަތް ކަނޑުން އިސްރާއީލަށް ނިސްބަތްވާ ބޯޓެއް އަތުލައިގަތް ކަމަށް ބުނެފައެވެ.
އަދި އިންޑިއާ ކަނޑުގައި އިސްރާއީލުގެ ބިލިއަނަރެއްގެ ކާގޯ ބޯޓަކަށްވެސް ވަނީ ހަމަލާދީފައެވެ. ނަމަވެސް މިކަމުގެ ޒިންމާ ހޫތީން ނަގާފައި ނުވެއެވެ.
ހަމަލާ ދިން މީހުން އަތުލައިގަތީ ގަލްފް އޮފް އެޑަންގައި ހުންނަ ޒޯޑިއަކް މެރިޓައިމް އިން ހިންގާ ލައިބީރިއާގެ ދިދަ ޖަހާފައިވާ ސެންޓްރަލް ޕާކް ނަމަކަށް ކިޔާ ބޯޓެއް ކަމަށް އެކުންފުންޏާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އެ ބޯޓުގައި 22 ފަޅުވެރިން ތިބި ކަމަށާއި، އޭގެ ތެރޭގައި ތުރުކީ ވިލާތާއި، ރަޝިއާ، ވިއެޓްނާމް، ބަލްގޭރިއާ، އިންޑިއާ، ޖޯޖިއާ އަދި ފިލިޕީންސްގެ މީހުން ހިމެނޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.