
ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 15،000 އިން މައްޗަށް
Palestine
ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަދި ހުޅަނގު އައްސޭރީގައި ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 15،000 އިން މައްޗަށް އަރައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ހަަމަލާތަކުގައި ފަލަސްތީނުގެ 15،091 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
އޭގެ ތެރޭގައި ހުޅަނގު އައްސޭރީގައި ޔަހޫދީން ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި 237 މީހުންނާއި، ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި 14،854 އަށްވުރެ ގިނަ މީހުން ހިމެނެއެވެ. އޭގެ ތެރޭގައި 6،150 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.
ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް 36،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ޣައްޒާގައި ޔަހޫދީންގެ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ 70 އިންސައްތަ އަކީ ކުޑަކުދިންނެވެ. ހުޅަނގު އައްސޭރީގައި 2،750 މީހުން ޒަޚަމްވެފައިވެއެވެ.
ޔަހޫދީން ޣައްޒާއަަށް ދެމުންގެންދާ ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ނުވަތަ ޝަހީދުވެފައި 6،800 އަށްވުރެ ގިނަ މީހުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރެގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.