
ލަންކާގެ ވެއްލަވައްތަ ސަރަހައްދުގެ އިމާރާތަކުން ވެއްޓި 20 އަހަރުގެ ޒުވާނަކު މަރުވެއްޖެ
Colombo (1)
ލަންކާގެ ވެރިރަށް ކޮލަމްބޯގެ ސަރަހައްދެއް ކަމަށްވާ ވެއްލަވައްތަ ސަރަހައްދުގައި ހުންނަ އެޕާޓްމަންޓް ކޮމްޕްލެކްސްއަކުން އުމުރުން 20 އަހަރުގެ ޒުވާނަކު ވެއްޓި މަރުވެއްޖެ އެވެ.

ލަންކާ ފުލުހުން ބުނީ އެ ޒުވާނާ ވެއްޓުނީ ވެއްލަވައްތަގެ ރުދްރާ މަވާތާގައި ހުންނަ އެޕާޓްމަންޓް ކޮމްޕްލެކްސްއަކުން ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި އެވެ.
މަރުވެފައިވަނީ އެ އެޕާޓްމަންޓް ކޮމްޕްލެކްސްގައި މައިންބަފައިންނާ އެކު ދިރިއުޅެމުން ދިޔަ ލަންކާއަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ފިރިހެނެކެވެ.
ތަހުގީގަށް އެނގިފައިވާ ގޮތުގައި އެ ޒުވާނާގެ ހަށިގަނޑު ފެނިފައިވަނީ އެޕާޓްމަންޓް ކޮމްޕްލެކްސްގެ ފަހަތު ސަރަހައްދުންނެވެ.
ވެއްލަވައްތަ ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ވެއްލަވައްތަ ސަރަހައްދަކީ ގިނަ އަދަދެއްގެ ދިވެހިންވެސް އެގައުމުގެ އުޅެމުން އަންނަ ސަރަހައްދެއްކަން ފާހަގަކޮށްލެވެއެވެ.