
ޔަހޫދީން މިއަދު ދިން ހަމަލާއެއްގައި އެއް އާއިލާއެއްގެ 50 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި
2023-10-31T150322Z_251106853_RC2P34AUSPMP_RTRMADP_3_ISRAEL-PALESTINIANS-1-1536x865
ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީން ދެމުން އަންނަ ހަމަލާތަކުގައި މިއަދު އެއް އާއިލާއަކަށް ނިސްބަތްވާ 50 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.

ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާދު އަލް މާލިކީ ވިދާޅުވީ އިސްރާއީލުން ޣައްޒާގެ އުތުރުގައި ހުންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ބޮޑު ހަމަލާއެއް ދީފައިވާ ކަމަށެވެ.
އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި އަރަބި އަދި މުސްލިމް ޚާރިޖީ ވަޒީރުން ދެއްވި ބްރީފިންގެ ހަވާސާގައި އަލްމާލިކީ ވިދާޅުވީ ޖަބާލިއާއަށް ދިން މި ހަމަލާގައި ކަދުއުރާ އާއިލާގެ 52 މީހުން މުޅިން ނައްތާލައި ޝަހީދުކޮށްލާފައިވާ ކަމަށެވެ.
"އަޅުގަނޑުގެ އަތަށް މިއަދު ނަންތަކުގެ ލިސްޓު ލިބިފައިވޭ، އޭގެ ތެރެއިން 52 ނަން، މުނި ކާފައިން ފެށިގެން މުނި ކާފަ ދަރިންނާއި ހަމައަށް މުޅި އާއިލާ ޝަހީދުކޮށްލާފައިވާ ކަން މިހާރު ވަނީ އެނގިފައި." އޭނާ ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން އަދި މިހާތަނަށް ޔަހޫދީން ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް ބޭރުގެ ބައެއް ރިޕޯޓުތަކުން ވަނީ ޖަބާލިއާއަށް ޔަހޫދީން މިއަދު ވަރުގަދަ ހަމަލާތަކެއް ދީފައިވާކަން ރިޕޯޓުކޮށްފައި އެވެ.
މިއަދުގެ ހެނދުނާއި ހަމައަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްތީނުގެ 14،300 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައި އެވެ.