
ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް މުހައްމަދު ތޮލާލް އައްޔަން ކުރަށްވައިފި
IMG-8aeb7ac2598f3425255eb75bcad4e6bc-V
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް އަދި މިވަގުތު އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި، މުހައްމަދު ތޮލާލް އައްޔަންކޮށްފި އެވެ.

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުލަބްތަކުގެ ރަޖިސްޓްރޭޝަން ބެލެހެއްޓުމަށް، ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހުގެ އެންމެ އިސްވެރިޔާގެ މަގާމަށް ތޮލާލް އައްޔަންކުރައްވާފައި ވަނީ ވަޒީރުންގެ ފެންވަރުގަ އެވެ. އަދި މިއީ މި މަގާމަށް ވަޒީރުންގެ ފެންވަރުގައި ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެެވެ.
މީގެ ކުރިން ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމު ފުރުއްވާފައިވާ ފަރާތްތަކުގެ ތެރޭގައި، އަހުމަދު ނަޝީދު (ޑޭވް)، އަލީ އުމަރު ގެ އިތުރުން ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) ހިމެނެ އެވެ. މީގެ އިތުުރުން އެކި ފަރާތްތަކުން ވަނީ އެކްޓިން ސްޕޯޓްސް ކޮމިޝަނަރުންގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް 2012 ވަނަ އަހަރު އިންތިހާބުވުމަށް ފަހު ތޮލާލްގެ ރައީސް ކަމުގައި ފާއިތުވެދި 11 އަހަރު އެ އެސޯސިއޭޝަނުން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ.
މީގެ އިތުރުން 2021 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ ހައިސިއްޔަތުން ތޮލާލް ގެންދަވަނީ ދިވެހި ކުޅިވަރުގެ އާއިލާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުންނެވެ.