logoEN
cocacola
ޕޯޗުގަލް އިން ޔޫރޯ24 ކޮލިފައިންގެ މެޗުތައް ނިންމާލީ މޮޅަކާއެކު

ޕޯޗުގަލް އިން ޔޫރޯ24 ކޮލިފައިންގެ މެޗުތައް ނިންމާލީ މޮޅަކާއެކު

ހަސަން ޝަމްއޫން

logo

11/20/2023, 6:27:41 AM

IMG_20231120_062701

ޔޫރޯ ކޮލިފައިން ގްރޫޕް ޖޭގައި އާދީއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން އައިސްލަންޑް އަތުން މޮޅުވެ ޕޯޗުގަލް އިން ޔޫރޯ24 ކޮލިފައިންގެ މެޗުތައް ނިންމާލީ ސަތޭކަ ޕަސެންޓް ރެކޯޑަކާ އެކުގައެވެ.

ގޮސިޔާ

މިމެޗަށް ނުކުތްއިރު ވެސް އަންނަ އަހަރުގެ ޖަރުމަނުގައި އޮންނަ މުބާރަތުން ޖާގައެއް ޕޯޗުގަލް އިން ކަށަވަރުކޮށްފައިވާ އިރު، ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ޕޯޗުގަލް އިން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ނަމަވެސް އެޓީމަށް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު، މިމެޗުގައި އެޓީމުން ލީޑު ހޯދީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް އެވެ. މިއީ އެޓީމުގެ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ މިފަހަރުގެ ޔޫރޯ ކޮލިފައިންގައި ކުޅުނު 10 މެޗުގައި އޭނާ ކާމިޔާބުކުރި 6 ވަނަ ލަނޑެވެ.

މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ޕޯޗުގަލް އިން މެޗު ޑޮމިނޭޓުކުރި އިރު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު ފަހުހާފުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ރިކާޑޯ ހޯޓާއެވެ. މިއީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.

މިއާއެކު ޕޯޗުގަލް އިން ކޮލިފައިންގެ މެޗުތައް ނިންމާލީ ކުޅުނު 10 މެޗުން ވެސް މޮޅުވެ 30 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައެވެ. އަދި އެޓީމު ކުޅުނު 10 މެޗުގެ ތެރެއިިން 9 މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާލިއިރު، މި 10 މެޗުގައި އެޓީމުން ވަނީ 36 ލަނޑު ކާމިޔާބުކޮށްފައިވެއެވެ. އަދި އެޓީމުގެ ކޮޅަށް ވަދެފައިވަނީ އެންމެ ދެ ލަނޑެވެ. އަދި މިމެޗުން ބަލިވި އައިސްލޭންޑުން ކޮލިފައިންގެ މެޗުތައް ނިންމާލީ ކުޅުނު 10 މެޗުން ލިބުނު 10 ޕޮއިންޓާއެކު ގުރޫޕްގެ ހަތަރުވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ