logoEN
WAMCO TOP 1
މަޖިލީހުން ހުސްވި 5 ދާއިރާގެ ބައި-އިލެކްޝަން ނުބާއްވާނެ

މަޖިލީހުން ހުސްވި 5 ދާއިރާގެ ބައި-އިލެކްޝަން ނުބާއްވާނެ

އައިޝަތު އިފާޝާ

logo

11/18/2023, 12:07:04 PM

Majlis-parliament

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން ހޮވުމަށްޓަކައި ބައި-އިލެކްޝަނެއް ނޯންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ރައްޔިތުންގެ މަޖިލީހުގެ 5 ދާއިރާއެއްގެ ގޮނޑި ހުސްވެފައިވަނީ އެ ގޮނޑިތައް ތަމްޞީލްކުރައްވަމުން ގެންދެވި މެންބަރުން އިސްތިއުފާދެއްވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކުރެއްވުމާއި ގުޅިގެންނެވެ.

ރައީސް ޑރ. މުޢިއްޒުގެ ކެބިނެޓް އެކުލަވާލައްވާ، ވަޒީރުން ހުވާކުރައްވާފައިވަނީ ރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އައު ސަރުކާރުގެ ކެބިނެޓަށް ޢައްޔަނުކުރެއްވި މަޖިލިސް މެންބަރުން:

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް - ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް - މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް - މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް

މިނިސްޓަރ އޮފް ޑިފެންސް - ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން

އެޓަރނީ ޖެނެރަލް - ވިލިމާލޭ ދާއިރާގެ މެންބަރު އަލްއުސްތާޛު އަޙްމަދު އުޝާމް

އިލެކްޝްންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ޙަބީބް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވުމުގެ ސަބަބުން އެ ގޮނޑިތަކަށް މެންބަރު އަލުން އިންތިޚާބު ކުރުމަށްޓަކައި ޤާނޫނުގައި ބުނާ މުއްދަތެއް ނުލިބޭކަމަށެވެ. އެހެންކަމުން އެ ދާއިރާތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ބައި-އިލެކްޝަނެއް ނުބާއްވާނެކަމަށް ހަބީބް ވިދާޅުވިއެވެ.

ޙަބީބް ވިދާޅުވީ، އަންނަ އަހަރުގެ މާރިޗު ފަހުކޮޅު ނުވަތަ އޭޕްރީލް ކުރީ ކޮޅު 20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބު ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އަދި ސީދާ ތާރީޚެއް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހާއެކު މަޝްވަރާކުރުމަށް ނިންމާފައިވާކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވާ ތާރިީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިޚާބު ކުރަންވާނެކަމަށެވެ. ނަމަވެސް މެންބަރުކަމުގެ ގޮނޑި ހުސްވާ ތާރިޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށްއޮތް ޢާންމު އިންތިޚާބާ ދެމެދު އޮތީ 6 މަސް ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްކަމުގައިވާނަމަ ހުސްވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކޮށްގެން ނުވާނެކަމަށް ޤާނޫނު އަސާސީގައި ބަޔާންކުރެއެވެ.

މަޖިލީހުގެ ހުސްވެފައިވާ މި 5 ދާއިރާގެ ގޮނޑީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުން ވަނީ ފަރެސްމާތޮޑާ ދާއިރާގެ ބައި އިލެކްޝަންވެސް ނުބޭއްވުމަށް ނިންމަވާފައެވެ. އެދާއިރާގެ ގޮނޑި ހުސްވެފައިވަނީ ކުރިން އެ ދާއިރާ ތަމްޞީލުކުރައްވަމުން ގެންދެވި އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް އިންތިޚާބުވެވަޑައިގަތުމުންނެވެ.

ކޮމެންޓް
ފަހުގެ
HDC