logoEN
ކޮކާކޯލާ
ޖުމްހޫރީ ދުވަސް، ރަސްކަމަކުން ޖުމްހުރީ ވެރިކަމަކަށް!

ޖުމްހޫރީ ދުވަސް، ރަސްކަމަކުން ޖުމްހުރީ ވެރިކަމަކަށް!

jumhoree og

މިއަދަކީ މި އަހަރުގެ ޖުމްހޫރީ ދުވަހެވެ. ދިވެހިންނަށް ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތެއްގެ ތަނަވަސް ހިޔާވަހިކަން ފެނިގެން އައި ދުވަހެވެ. މި ދުވަހަކީ މިއަދު ދިވެހިން މި ދެކޭ ޖުމްހޫރީ ވެރިކަމުގެ ފެށުމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މި ފަދަ ދުވަހެއްގައި ކޮންމެ ދިވެއްސެއް ވެސް ވިސްނާ ފިކުރު ހިންގާލަން ޖެހެނީ އަޅުގަނޑުމެން މިފަދަ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަށެވެ. ޚާއްޞަކޮށް ފުރަތަމަ ފަހަރަށް ރަސްކަމަކުން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވީ ގޮތަކީ އަޅުގަނޑުމެން ކޮންމެ ރައްޔިތަކަށް ވެސް އެނގުން މުހިންމު ކަމެވެ.

އަބުޅޯ

ހިޖުރައިން 1362ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ ދެވަނައަށް ވީ ދުވަހު އޭރު ތަޚުތުގައި ހުންނެވި ރަދުން އައްސުލްޠާން ޙަސަން ނޫރައްދީނުން ޘާރީ އިސްކަންދަރު، އެ ރަދުން އިންނެވި މަޤާމުން އިސްތިއުފާ ދެއްވިއެވެ. އެ މަނިކުފާނު ދެކިލެއްވި ގޮތުގައި އޭރު ޤައުމުގެ ޙާލަތު ހުރި ގޮތުންނާއި، އުފުއްލަވަން ޖެހިވަޑައިގަތް މަސްއޫލިއްޔަތުތަކުގެ ސަބަބުން އެ މަނިކުފާނަށް މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭނެ ކަމަށް ދެކެވަޑައިގަތެވެ.

މި އަށް ފަހު، ރާއްޖޭގެ ހުސްވެފައިވާ ތަޚުތަށް އިސްކުރެވުނީ ސުމުއްވުލް އަމީރުލް ޙާއްޖަ ޢަބްދުލްމާޖިދު ރަންނަބަނޑޭރި ކިލޭގެފާނެވެ. އެ މަނިކުފާނު ރާއްޖޭގެ ތަޚުތަށް އިސްކުރެވުނީ އެންމެހައި ރައްޔިތުންގެ އިއްތިފާޤުންނެވެ. އޭރު އެ މަނިކުފާނު ހުންނެވީ މިޞްރުގެ ޤާހިރާގައެވެ. އެހެންކަމުން، ރަސްކަލެއްގެ ވަޒީފާތައް އަދާކުރެއްވުމަށްޓަކައި ކޮމިޓީއެއް އިންތިޚާބު ކުރެވުނެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަތީ:

އަލްއަމީރު ޙަސަން ނޫރައްދީން (ރައީސް)

އަލްއަމީރު މުޙައްމަދު ފަރީދު ދީދީ

އަލްއަމީރު ޢަލީ ކުޑަ ރަންނަބަނޑޭރި ކިލެގެފާނު

އަލްފާޟިލް އިބްރާހިމް އަލި ދީދީ

"ކޮންމެޔަކަސް ކޮޅެއް މެދެއް ނޭނގެ އަހަރުތަކެއް ވޭތުވަމުން ގޮސް، ދިވެހި ތަޚުތުގެ ފަޅުކަން ޢާންމު ރައްޔިތުންނަށް ވެސް އިޙްސާސްކުރެވެން ފެށިއެވެ. އެހެންކަމުން، ދިވެހި ތަޚްތު ފަޅުފިލުވައި ދެއްވުމަށް އެދި، އެކި ސިފަސިފައިގައި، އެކި ގޮތްގޮތަށް ސުމުއްވުލްއަމީރު ރަންނަބަނޑޭރި ކިލެގެފާނުގެ އަރިހުގައި ދިވެހި ރައިޔިތުން އަދަބުވެރިކަމާ އެކު އެކި ފަހަރު މަތިން ދެންނެވިއެވެ. ނަމަވެސް، ރައްޔިތުން ހިތުގެ އަޑީން އެދިގެން ދަންނަވާ ދެންނެވުމަކަށް ރަންނަބަނޑޭރި ކިލެގެފާނު ޢަމަލީ ޖަވާބެއް ނުދެއްވައެވެ."

މި ފަޅުކަން ވެގެން ދިޔައީ ދިވެހިންގެ ހިތްތަކުގައި ރަސްކަމަށް އޮތް ލޯތްބާއި ޤަދަރު ކުޑަވެ، ނިޒާމާ މެދު ނަފްރަތު އުފެދެން މެދުވެރިވީ ކަމަކަށެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް، ދެން އަޅުގަނޑުމެންނަށް ފެންނާން ފެށީ ރަސްކަލެއްގެ ޤާއިމް މަޤާމެއްގެ ގޮތުން ކޮންމެ ވެސް ބޭފުޅަކު އިސްކުރެވޭތޯ ރައްޔިތުންގެ ކުރިޔަށް ތިބި މީހުން މަސައްކަތްކުރަން ފެށި މަންޒަރެވެ. އެހެންނަމަވެސް، މި ކަމުން އެންމެ އެދެވޭ ނަތީޖާ ނެރެވޭ ގޮތެއް ނުވިއެވެ.

"1371ވަނަ އަހަރުގެ މުޙައްރަމް މަހުގެ 19ވަނަ ދުވަހު ނާދީއްތަމައްދުނުގައި ރައްޔިތުންގެ ޚާއްޞަ މަޖިލިސްގެ ޖަލްސާއަކަށް ފަހު ޖަލްސާއަށް ޙާޟިރުވެ ތިއްބެވި އެންމެހައި މެންބަރުން އެއްދުލުން އަލްއަމީރު މުޙައްމަދު އަމީނުގެ އަރިހުން އެދިލެއްވީ ރަސްކަލެއްގެ ޤާއިމް މަޤާމުކަން ޤަބޫލުކުރެއްވުމަށެވެ. އާދޭހެވެ. އެ ދުވަހުގެ ތާރީޚީ ޖަލްސާ ނިމުނީ ' އިންސާނިއްޔަތުގެ ޝަރުތަކާ އެކު، މަޖިލިސުން ފާސްވީ ފާސްވުން' މުޙައްމަދު އަމީން ޤަބޫލުކުރެއްވި ފަހުންނެވެ."

ދުވަސްކޮޅެއް ފާއިތުވުމަށް ފަހު، ދެން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ 1371ވަނަ އަހަރުގެ ޖުމާދުލްއޫލާމަހުގެ 24ވަނަ ދުވަހު، ސުމުއްވުލްއަމީރު ޢަބްދުލްމާޖިދު ރަންނަބަނޑޭރިކިލެގެފާނު އަވަހާރަވީ މަންޒަރެވެ. މި ވެގެންދިޔައީ ރާއްޖޭގެ ތާރީޚު ދުށް އެންމެ ބޮޑު އިންޤިލާބީ ބަދަލުގެ ފެށުމަށެވެ.

ދެން ޤައުމުގެ ރައްޔިތުންނާއި އިސްވެރިންގެ މެދުގައި މަޝްވަރާކުރެވެން ފެށުނީ ރާއްޖޭގެ ވެރިކަން ހަމަޖައްސާނެ ގޮތާ މެދުގައެވެ. މި ކުރެވި މަޝްވަރާތަކުގެ ނަތީޖާއަކީ ހުރިހާ ރައްޔިތުން އެއްބަސްވީ އަލްޢަމީރު މުޙައްމަދު އަމީން ރާއްޖޭގެ އެންމެ މަތީ ދަރަޖައިގެ އެންމެ އިސްވެރިޔަކު ކަމުގައި ވެވަޑައިގަތުމަށެވެ. މިހާ ހިސާބަށް ކަންތައް އައި އިރު ދިވެހި ރައްޔިތުންނަށް ރަސްކަމެއް އޮތަސް، ޖުމްހޫރީ ވެރިކަމެއް އޮތަސް، މާ ބޮޑު ތަފާތެއް، ފަރުވާލެއް ނެތެވެ.

"އަޅުގަނޑުމެންގެ މުހިންމު މައްސަލަ މި ހިސާބަށް ދިޔުމުން ރާއްޖޭގެ ވެރިކަން އޮންނާނެ އުޞޫލެއްގެ ބަޙުޘް ސިޔާސީ ތިލަފަތަށް ލެވިއްޖެއެވެ. އަޅުގަނޑުމެންގެ ތެރޭގައިވާ އެންމެ އަރާހުރި ސިޔާސީ އެއް މަޖިލިސް ކަމުގައިވާ ރައްޔިތުންގެ މުތަޤައްދިމް ޕާޓީ ގެ މަޝްވަރާ ކޮމިޓީގެ މޭޒު މައްޗަށް މައްސަލަ ހުށަހެޅިއްޖެއެވެ. ކުރެވެމުން ދިޔަ ބަޙުޘްތަކުގެ ނިކުތް ނަތީޖާއަކީ، އެއްވެސް ޙާލެއްގައި ރާއްޖޭގެ ރަސްކަން އަލް އަމީރު މުޙައްމަދު އަމީނަށް ޤަބޫލުފުޅު ކުރެއްވުން ނެތްކަން ކޮމިޓީގެ މެންބަރުންނަށް އޭނާ ޔަޤީން ކޮށްދެއްވުމެވެ."

އެހެންކަމުން، ރާއްޖޭގެ ރަސްކަމަށް އަމީން ދީދީ ގެނެވެން ނެތުމުން ދެން ޖެހުނީ ވެރިކަމުގެ ޢުޞޫލަށް ބަދަލު ގެންނާށެވެ.

17.7.71 ޙ ދުވަހު ރައްޔިތުންގެ މަޖިލިސްގެ ޚާއްޞަ ޖަލްސާއަކުން ފާސްވީ ރާއްޖޭގެ ޖުމްހޫރީ ވެރިކަމެއް ޤާއިމްކުރުމަށް ޢާންމުންގެ މެދުގައި ވޯޓެއް ނެގުމަށެވެ.

ރަޖަބު މަހުގެ 21ވަނަ ދުވަހާއި 22 ވިލޭރެއާއި 22ވަނަ ދުވަސް ވޯޓު ދިނުމުގައި ހޭދަވިއެވެ. 22ވީ ހުކުރު ދުވަހުގެ ހަވީރު 4 ޖެހިއިރު ހެންވޭރު ބޯޅަ ކުޅޭ ބިމުގައި ވޯޓުގެ ނަތީޖާ އަލްފާޟިލް އިބްރާހިމް ޝިހާބު އިޢުލާންކުރެއްވިއެވެ. މި ވޯޓުގެ ނަތީޖާ ވަރަށް ސާފެވެ. ދިވެހިރާއްޖޭގެ ވެރިކަން ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން ހިނގައްޖެއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް އަލްއަމީރު މުޙައްމަދު އަމީން ރަސްކަމުގެ ހުވާ ކުރެއްވީ 14 ރަބިއުލް އާޚިރު 1373 (1 ޖަނަވަރީ 1953) ގައެވެ. މި ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފެށުމެވެ.

މިފަދަ ދުވަހެއްގައި ވިސްނަންވީ ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ފެށި، އެ ވެރިކަން ނިމުނު ގޮތަށެވެ. ފުރަތަމަ ޖުމްހޫރިއްޔާ އެންމެ 7 މަހާއި 26 ދުވަހުގެ ތެރޭގައި ނިމިދިޔަ ގޮތަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި، ދިވެހި ތާރީޚް ދިރާސާ ކުރައްވާ ބޭފުޅުންގެ އިތުރުން، ޤައުމުގެ ވެރިކަން ކުރައްވަން ވަޑައިގަންނަވާ ބޭފުޅުން ވެސް ދިރާސާކުރައްވަން ޖެހޭ އަދި ޢިބުރަރް ލިބިގަންނަންޖެހޭ ކަމެކެވެ. ހަނދާން ކުރާށެވެ. ތާރީޚަކީ މުސްތަޤްބަލުގެ މޫނުބަލާ ލޯގަނޑެވެ.

އެޑިޓަރުގެ ނޯޓް: މި ލިޔުމަށް މައުލޫމާތު ހޯދާފައިވަނީ، ފަރޫޤް ޙަސަން ލިޔުއްވި "ދިވެހި ޖުމްހޫރީ ވެރިކަމުގެ މައްޗަށް ތާރީޙީ ނަޒަރެއް" އިންނެވެ.
މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ