
އެމްޑީޕީއިން ސުޕްރީމް ކޯޓުގައި އެދުނީ ނަޝީދުގެ މައްސަލަ ނުނިންމައި އިތުރު ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދޭން!
UYC_9884
އެމްޑީޕީއިން މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިންމައި އިތުރު ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދޭން ކަމަށް އެޕާޓީއިން ބުނެފި އެވެ.

އެމްޑީޕީގެ ގާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް ކައުންސެލް އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރާ ގުޅޭ ގޮތުން ގޮތެއް ނުނިންމައި އެހެން އެއްވެސް ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެކަމާ ގުޅޭ ދުސްތޫރީ މައްސަލަ އެމްޑީޕީން މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ހަމައެއާއި އެކު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލް ކުރާ ޖަލްސާއަކަށް ނައިބު ރައީސްއަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަން މަޖިލީހުގެ އިދާރާއަށް ލާޒިމް ވާނެ ކަމަށް ކަނޑައަޅައިދިނުމަށްވެސް ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ހުށަހަޅަން ނިންމި މައިގަނޑު ސަބަބަކީ، މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ ސިދާ މަޖިލީހުގެ ނައިބު ރައީސް ކަމަށް އަމީންއާންމު ނިންމެވި ނިންމެވުމަކީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފު ނިންމެއް ކަމަށް ގަަބޫލު ކުރެވޭތީ ކަމަށް އަފީފް ވިދާޅުވިއެވެ. އެގޮތުން އަމީންއާންމު މިއަދުގެ ޖަލްސާގައި މިކަމާ ގުޅުން ހުރި މާއްދާތައް މާނަކުރައްވާފައިވަނީ ރަނގަޅަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅި އިރު ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ވަނީ ބަޔާން ކޮށްފަ އެވެ. އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންނެވެ.
އޭގެ އިތުރުން މަޖިލީހުގެ ގަވައިދުގައި ނެތް ހާލަތެއް ދިމާވެއްޖެ ނަމަ އަމަލު ކުރަންވީ ގޮތް ވެސް ސާފުކޮށް ގަވައިދުގައި ބުނެއެވެ. މަޖިލީހުގެ ގަވައިދުގެ 250 ވަނަ މައްދާގައި ބުނާ ގޮތުން މަޖިލީހުގެ ނިންމުންތަކާއި އުސޫލުތަކުން ހައްލެއް ނުލިބިއްޖެ ނަމަ ރިޔާސީ ނިޒާމް ގާއިމް ކުރެވިފައިވާ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި އަމަލު ކުރާ އާންމު އުސޫލަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. މިއާއި އެކު މަޖިލީގުގެ ރައީސް އާއި ނައިބު ރައީސް ގުޅިގެން މަޖިލިސް ހުއްޓުވާލާފައި ބޭއްވޭނެ އެއްވެސް ގޮތެއް ގަވާއިދުގެ ތެރޭގައި ނެތް ކަމަށް އެމްޑީޕީއިން ބުނެއެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި މަޖިލީހުން މި މައްސަލަ ކުރިޔަށް ނުގެންދިޔުމާއި އެކު މިކަމަށް ގާނޫނީ ގޮތުން ހޯދަން ޖެހޭ ހައްލު ހޯދަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ކަމަށް އެމްޑީޕީއިން ބުނެއެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަަ މަޖިލީހުގައި އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ސަލާމުގައި ހުންނެވުމާއި އެކު ޖަލްސާ ވަނީ ކުރިޔަށް ނުގެންގޮސް ނިންމާލާފައި އެވެ. މަޖިލީހުގެ ރައީސްގެ މައްޗަށް ހުށަހެޅޭ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހެނީ މަޖިލީހުގެ ނައިބު ރައީސްކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު ދެވަނަ ފަހަރަށް ހުށަހެޅީ މި މަހުގެ 9 ވަނަ ދުވަހު އެވެ. މި މައްސަލައިގެ ނޯޓިސް ނަޝީދާއި މެންބަރުންނަށް ފޮނުއްވީ މި މަހުގެ 12 ވަނަ ދުވަހު އެވެ.



