ތިން ޕާޓީ އެކުގައި އިންތިހާބުތަކުގައި ވާދަކުރުން - ޕީޕީއެމް،ޕީއެންސީގެ މެމްބަރުންނަށް ހައްގު މިންވަރު؟
އަހުމަދު ޝުރާއު
10/12/2023, 4:17:10 PM
MMuizuxNazim
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ވެގެން ގޮސްފައިވަނީ ރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެނޑިޑޭޓުން ބައިވެރިވި ފަހަރެވެ. އެގޮތުން އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓަކު ވާދަކޮށްފައި ވެއެވެ. އޭގެ ތެރެއިން 5 ކެންޑިޑޭޓުންނަކީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނެވެ. އަނެއް 3 ކެންޑިޑޭޓުންނަކީ ޕާޓީއެއްގެ ބެކިންގ އަކާއި ނުލައި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނެވެ.
އިންތިހާބުގައި މިހާގިނަ ކެންޑިޑޭޓުން ވާދަކުރި ނަމަވެސް މިފަހަރުވެސް އެންމެ ގިނަ ވޯޓު ލިބިގެން ދިޔައީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް އޭރާއި މިހާރުވެސް ކޮންޓްރޯލް ކުރާ ދެފިކުރަށެވެ. ޕްރޮގްރެސިވް ފިކުރާއި ތިލަފަތުގެ ފިކުރެވެ. ނަމަވެސް މި ދެފިކުރަށްވެސް ވެރިކަމަށް އައުމަށް ކުރިން އެހީތެރިވި ޖުމްހޫރީ ފިކުރުގެ އަސަރު ވަރަށް ބޮޑަށް މިފަހަރު ފަނޑުވެއްޖެ އެވެ. ބަދަލުގައި ކިންގ މޭކަރުގެ މަގާމު ހޯދީ އެމްޑީޕީގެ ތެރެއިން އުފެދުނު ތިލަފަތުގެ އަސްލު ފިކުރު ކަމަށް ބުނާ ޑިކޮމްރެޓްސް އެވެ.
އިންތިހާބުގައި ޕާޓީތަކަށް ލިބުނު ވޯޓުތަކަށް ބަލާލާނަމަ ހައިރާންވާފަދަ ނަތީޖާތަކެއް ބޮޑުކަން ދައްކަމުން އައިކަމަށް މިހާރު ގިނަ ބަޔަކު ބުނާ ޕާޓީތަކަށް ލިބިފައި އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ފާހަގަކުރެވެނީ މޯލްޑިވްސް ނެޝަނަލް ޕާޓީއެވެ. ޅަފަތުގައި އޮތް ޕާޓީއެކޭ ބުނެވޭކަށް އެޕާޓީއަކަށް ނެތެވެ. ބާއްވާ ރެލީ ތަކާއި ދައްކާ މަންޒަރުން ޕާޓީ ކިތަންމެހާވެސް ބޮޑެވެ. ނަމަވެސް 220،000 ގިނަ މީހުން ވޯޓުލި އިންތިހާބުގެ ފުރަތަމަ ބުރުގައި އެޕާޓީއަށް ލިބިފައިވަނީ 1،900 އެއްހާ ވޯޓެވެ. މިއާއި އެކު ދެވަނަ ބުރަށް އެޕާޓީއިން ކޯލިޝަން ހަދަން ނިންމި އެވެ. އެޕާޓީގެ ކައުންސިލުން ނިންމީ ފުރަތަމަ ބުރުގައިވެސް ބޮޑު އަގުލަބިއްޔަތު ހޯދި ޕްރޮގްރެސިވް ކޯލިޝަން ނުވަތަ ޕްރޮގްރެސިވް ފިކުރާއި އެކު ކުރިޔަށް ދާށެވެ. ކައުންސިލުން އެގޮތަށް ނިންމިތާ 24 ގަޑިއިރުވެސް ނުވަނީސް އެޕާޓީއިން ވަނީ ޕީޕީއެމްއާއި ޕީއެންސީގެ ޕްރޮގްރެސިވް ކޯލިޝަންއާއި އެކު ކޯލިޝަން ހަދައި އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ކޯލިޝަން އެއްބަސްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ އެޕާޓީއިން ޕްރޮގްރެސިވް ކޯލިޝަނާއި ގުޅުނީ އެއްވެސް ޝަރުތަކާއި ނުލައި ކަމަށެވެ. ނަމަވެސް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯލިޝަން އެއްބަސްވުމުގައި ހިމެނުނު އެއްވެސް މާއްދާއަކާއި ގުޅޭގޮތުން މައުލޫމާތު ދީފައެއް އޭރު ނުވެއެވެ. އަދި ޕްރޮގްރެސިވް ކޯލިޝަނުންވެސް އެކަމާއި ގުޅޭ މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ.
ރޭގެ ވަގުތެއްގައި އެމްއެންޕީގެ ކައުންސިލް ބައްދަލުވުމެއް ބާއްވާފައިވާއިރު އެބައްދަލުވުމުން ހާމަވެގެންދިޔައީ ޕްރޮގްރެސިވް ކޯލިޝަންއާއި އެކު އެމްއެންޕީއިން ހެދި އެއްބަސްވުން އެޕާޓީގެ ކައުންސިލް މެމްބަރުންނާއިވެސް ހިއްސާކޮށްފައި ނުވާކަމެވެ. އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ރައީސް ނާޒިމް ވަނީ ކުރިޔަށް އޮތް އިންތިހާބު ތަކުގައި އެމްއެންޕީއިން ޕްރޮގްރެސިވް ކޯލިޝަން ނިސްބަތްވާ ޕީޕީއެމްއާއި ޕީއެންސީއާއި އެކީގައި އިންތިހާބުތަކުގައި ވާދަކުރައްވަން ނިންމަވާފައިވާކަން ހާމަކޮށްފައެވެ. އަދި އެކަން ކޯލިޝަން އެއްބަސްވުމުގައި ހިމަނާފައިވާނެކަން ވެސް ވަނީ ހާމަކޮށްފައެވެ. ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޑރ. މުހައްމަދު މުއިއްޒުއަށް ތާއިދުކުރަން ނިންމާ ޕީޕީއެމް/ޕީއެންސީއާ އެކު ހަދާފައިވާ އެއްބަސްވުމަކީ ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލެވުނު އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގައި ކުރިއަށް ހުރި އިންތިހާބުތަކުގައި ޕީޕީއެމް/ޕީއެންސީ އެކުގައި ވާދަކުރުމާ ބެހޭގޮތުން ވަކި މާއްދާއެއް ހިމަނާފައިވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެގޮތުން، މާލޭ މޭޔަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރާ އިންތިޚާބުން ފެށިގެން، 2024 ވަނަ އަހަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް އަދި އެހެނިހެން ހުރިހާ އިންތިޚާބުތަކުގައިވެސް، 3 ޕާޓީއިން ވެސް ކެނޑިޑޭޓުން ވާދަކުރުމަށް ބޭނުންވާނަމަ، 3 ޕާޓީގެ މެމްބަރުންގެ މެދުގައި ޕްރައިމަރީ އެއް ބޭއްވޭނެކަމަށާއި، އިންތިޚާބުގައި ވާދަކުރާނީ ޕްރައިމަރީ އިން ހޮވޭ ފަރާތެއްކަމަށް ނާޒިމް ވިދާޅުވިއެވެ. ޕްރައިމަރީ ބާއްވާ ޕްރައިމަރީ ކާމިޔާބުކުރާ ފަރާތަކަށް، ތިން ޕާޓީން ވެސް އިހްތިރާމްކުރާނެ ކަމަށާއި، އެފަރާތަކަށް އިންތިހާބު ކާމިޔާބުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެކުގައި ކުރުމަށް ވެސް މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން ނާޒިމް ވަނީ ޕީއެންސީގެ ރައީސް އަދި އިންތިހާބީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވި 7 އިންސައްތަ ވޯޓު ލިބުނީ، އިންތިޚާބުގެ ދެވަނަބުރުގައި އެމް.އެން.ޕީ އިންވެސް އެކަމަށްޓަކައި ގިނަ މަސައްކަތެއް ކޮށްގެން ކަމަށް ވިދާޅުވެފައި އެވެ.
މިއާއި އެކު މިކަމާއި ޕީއެންސީ އަދި ޕީޕީއެމްގެ ސަޕޯޓަރުން މިވަނީ ނުރުހުން ފާޅުކުރަން ފަށާފައި އެވެ. އެގޮތުން އެސަޕޯޓަރުން ބުނާގޮތުގައި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އެޕާޓީގެ މެމްބަރުން ކުރި މަސައްކަތް މިއަދު އޮތީ " ފެނަށް " ގޮސްފައެވެ. ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޕްރޮގްރެސިވް ފިކުރުގެ ބާނީ ރައީސް ޔާމީން އަބްދުލްގައްޔޫމްއަށްޓަކައި މަގުތަކަށް ނުކުމެ އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެސަޕޯޓަރުންނަށް އެމްއެންޕީއާއި އެކު ކޯލިޝަން ހަދައިގެން ކުރިޔަށް އޮތް އިންތިހާބު ތަކުގައި ވާދަކުރުން ވެފައި މިއޮތީ ޖޯކަކަށެވެ. އެއީ އެސަޕޯޓަރުންގެ ހައްގަށް އަރައިގަތުން ކަމަށް ބުނެ އަންނަނީ މީސް މީޑިއާގައި އަޑުއުފުލަމުންނެވެ. ބޮޑު އަގުލަބިއްޔަތަކުން ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއް ގާއިމްވެގެންދިޔައީ އެޕާޓީތަކުގެ މެމްބަރުންގެ ބުރަ މަސައްކަތުންކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ދެވަނަ ބުރަށް ލިބުނު މަދު ދުވަސްކޮޅު ތެރޭގައިވެސް އެންމެ ބޮޑަށް މަސައްކަތްކުރީ ވެސް ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނެވެ.
ގާފު ނޫހަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސެނެޓުގެ މެމްބަރަކު ވިދާޅުވީ އެމްއެންޕީއާއި އެކު ކޯލިޝަން ހަދައިގެން ކުރިޔަށް އޮތް މާލެ ސިޓީ މޭޔަރު އިންތިހާބާއި މަޖިލިސް އިންތިހާބުގެ އިތުރުން ކައުންސިލް އިންތިހާބުގައި ވާދަކުރުމަކީ ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުންނަށްވެވޭ ވަރަށް ބޮޑު ނާއިންސާފެއް ކަމަށާއި އެމްއެންޕީއަކީ އެވަރުގެ ބުރަދަނެއް ހުރި ޕާޓީއެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ކޯލިޝަން ހެދުމަށް ޕީޕީއެމް/ޕީއެންސީއިން އެދުނީ އެއްވެސް ޝަރުތަކާއި ނުލާކަމަށް ކޯލިޝަން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ އޭރުގެ ރައީސް އަބްދުއްރަހީމް ހާމަކޮށްފައިވާއިރު މިއީ ކޯލިޝަން އެއްބަސްވުމުގައި އޮތް މާއްދާއެއް ނަމަ ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނަށް މިކަން ވީހާވެސް އަވަހަކަށް ލީޑަރޝިޕުން ހާމަކުރަން ޖެހޭނެ ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
ސެނެޓަރު ވިދާޅުވި ފަދައިން ޕީޕީއެމް/ޕީއެންސީގެ ޕްރައިމެރީގައި އެމްއެންޕީގެ މެމްބަރުންނަށް ބައިވެރިވުމުގެ ފުރުސަތު ދެވުމަކީ ޕާޓީ ތެރޭގައި ވެސް ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިދާނެ ކަމެއް ކަމަށާއި ވޭތުވެދިޔަ 5 އަހަރު މަގުމަތިވި މެމްބަރުންނަށް އެފަދައިން އަމަލުކުރުމަކީ ޑިމޮކްރެޓިކް އުސޫލުތަކާއި ޕާޓީގެ އުސޫލުތަކާއިވެސް ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
" އަޅުގަނޑުމެން ގަބޫލެއް ނުކުރަން މިޕާޓީގެ މެމްބަރުން އަނެއްކާވެސް މަގުމަތި ކޮށްލާފައި އިންތިހާބުގައި ބާތިލް ވޯޓަށްވުރެ މަދުން ލިބުނު ބަޔަކާއި ކޯލިޝަން ހަދައިގެން ކުރިޔަށް އޮތް އިންތިހާބުތަކުގައި ވާދަކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަކަށް. ޝަރުތެއް ނެތި ކޯލިޝަން ހެދި ބަޔަކު މިއަދު އެހެން ބުނީމާ ގަބޫލުކުރަން ދަތި. ޕީޕީއެމް/ޕިއެންސީ އަކީ އަބަދުވެސް މެމްބަރުން އިސްކުރާ ދެޕާޓީ " ގާފުއަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސެނެޓަރު ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ނުރުހުން ފާޅުކުރަމުން އަންނަ އިރު އެދެޕާޓީގެ ލީޑަރޝިޕުން މިކަމާއި ގުޅިގެން މިހާތަނަށް އަދި އެއްވެސް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
މިފަދަ މަންޒަރެއް 2019 ގައިވެސް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން 2018 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާއި ހަވާލުވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ވެގެން ދިޔައީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ ބޮޑު ކޯލިޝަނާއި އެކުގައި އެވެ. އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން އެމްއާރްއެމްގެ ހިއްސާއާއި އެކު އުފެދިގެން ދިޔަ އެވެރިކަމުގައިވެސް އެކުލަވާލެނުނު ކޯލިޝަން އެއްބަސްވުމުގައި ގުޅިގެން އިންތިހާބު ތަކުގައި ވާދަކުރުމަށް މާއްދާއެއް ހިމަނާފައިވާކަމަށް ބުނެފައި ވެއެވެ. ނަމަވެސް 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީއިން ނިންމީ ވަކިން އިންތިހާބުގައި ވާދަކުރަންށެވެ. އެއީ 2018 ވަނަ އަހަރު އުފެދުނު ކޯލިޝަން ރޫޅެއް މެދުވެރިވި ސަބަބު ކަމަށް ގިނަ ބަޔަކު ދެކެއެވެ. މަޖިލިސް އިންތިހާބުގައި އެމްޑީޕީއިން ހުރިހާ ދާއިރާއަކަށް ވަކިން ވާދަކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ އެޕާޓީއިން ހޯދީ 65 ގޮޑި ކާމިޔާބު ކޮށްގެންނެވެ. މިއާއި އެކު ރައީސް ސޯލިހުގެ ވެރިކަން އެހާމެ އަމާންއޮމާންކޮށް ދިޔުމުގައި މަޖިލީސް ވެގެންދިޔައީ އެމަނިކުފާނުގެ އެންމެ ބޮޑު ހިތްވަރަށެވެ.
2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއިން ވަކިން ވާދަކުރަން ނިންމުމާއި އެކު ރައީސް ސޯލިހުގެ ކޯލިޝަންގައި ހިމެނުނު ދެވަނަ އަށް އެންމެ ވަރުގަދަ ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީއިން ޕީޕީއެމްއާއި އެކު ކޯލިޝަން ހެދި އެވެ. ޕީޕީއެމްގެ މެމްބަރުން ގަބޫލުކުރާ ގޮތުގައި އެއިންތިހާބުގައި އެޕާޓީއަށް ނާކާމިޔާބު ވެގެން ދިޔުމުގެ މައިގަނޑު ސަބަބަކީ ޖޫމްހޫރީ ޕާޓީއާއި އެކު ކޯލިޝަން ހެދުމެވެ. އެހެންކަމުން ޕީޕީއެމް/ޕީއެންސީގެ މެމްބަރުން މިފަހަރު ތިބީ އެމެމްބަރުން ހައްގުވާ ބާރާއި މަގާމުތައް ގެއްލި އަނެއްކާވެސް މަގުމަތިވާން ފުރުސަތު ދޭކަށް ނޫންކަން މެމްބަރުން މީސް މީޑިއާގައި ފާޅުކުރަމުންދާ ޝުއޫރުތަކުން ހާމަވެގެން ދެއެވެ.