
އަންހެނަކު އޭނާގެ އުރަމަތީގެ ކިރު ބޭނުންކޮށްގެން ފެށީ ސައިބޯނި އަދި ލޯޝަން ވިޔަފާރިއެއް
NYPICHPDPICT000057188729 copy
ބްރިޓްނީ އެޑީ ނަމަކަށް ކިޔާ އަންހެނަކު އޭނާގެ ދަރިފުޅު ވިހެއުމާއެކު، އޭނާގެ އުރަމަތީގެ ކިރު ނަގައި ޕެކެޓަކަށް އެެޅުމަށްފަހު ރައްކާކުރަން ފެށިއެވެ. އެގޮތުން އެކި ދުވަސްމަތިން އޭނާ ގިނަ އަދަދަކަށް ކިރު ރައްކާކުރިއެވެ. ނަމަވެސް ހަތް މަސްވީ ފަހުން އޭނާ ފިނިކުރަން ބެހެއްޓި އުރަމަތީގެ ކިރު ސަޕްލައި ހަލާކުވުމުން ދެރަވިއެވެ.

ބްރިޓްނީ ފިނިކުރަން ބަހައްޓާފައިހުރި ކިރު ހަލާކުވީ، އޭނާގެ ފިރިމީހަ އެމީހުންގެ ގަރާޖު ސާފުކުރުމުގެ ތެރޭގައި ފްރިޖްގެ ކަރަންޓު ކަނޑާލުމަށްފަހު އަލުން ކަރަންޓު ދިނުމަށް ހަނދާން ނެތުމުންނެވެ. ކިރު ހަލާކުވެފައި ހުރި ނަމަވެސް ބްރިޓްނީ ބެލީ އެއްލާނުލާ އޭގެން ބޭނުމެއް ކުރެވޭތޯއެވެ. އެހެންކަމުން އޭގެ ބޭނުން ހިފާނެ ގޮތެއް ހޯދަން އޭނާފެށިއެވެ.
ބްރިޓްނީ ބުނި ގޮތުގައި، އޭނާއަށް މީހަކު އެފަދަ ކަމެއް ދިމާވުމުން ކިރު ބޭނުންކޮށްގެން ސައިބޯނި ހަދާފައިވާ ވީޑިއޯއެއް އޮންލައިންކޮށް ފެނުނު ކަމަށެވެ. އެހެންކަމުން އޭނާވެސް އެކަން އެގޮތަށް ކުރަން މަސައްކަތް ކުރުމަށް ނިންމިއެވެ.
އުމުރުން 24 އަހަރުގެ ބްރިޓްނީ ބުނި ގޮތުގައި ތަފާތު ރެސިޕީތަކެއް ބެލުމަށްފަހު އޭނާއަށް އެންމެ ފަހުން ކަމުދާ ކޮމްބިނޭޝަނެއް ފެނުނު ކަމަށެވެ.
އަދި ސޯޝަލް މީޑިއާގައި ބްރިޓްނީއަށް އޭނާ ދިރިއުޅޭ އަވަށުގައި އުޅޭ އެހެން އަންހެނަކު އުރަމަތީ ކިރުން އުފައްދާފައިވާ ސައިބޯނި ހޯދަނިކޮށް ދިމާވިއެވެ. އެއާއެކު ބްރިޓްނީ ވަނީ ހިދުމަތް ދޭން ހުށަހަޅާފައެވެ.
އަދި އެހެން އަންހެނުންވެސް އެމީހުންނަށް ހާއްސަކޮށް އުރަމަތީގެ ސައިބޯނި ހެދުމަށް ބްރިޓްނީގެ ކިބައިން އެދެމުންދިޔައެވެ. އެހެންކަމުން ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް އެޑީ އޭނާގެ ވިޔަފާރި ރަސްމީކޮށް ފަށައި "މަމްސް މެޖިކް މިލްކް" އުފެއްދިއެވެ. އެޑީގެ އުރަމަތީގެ ކިރުން އުފައްދާފައިވާ ސައިބޯންޏެއްގެ އަގަކީ 30 ޑޮލަރެވެ.
ސައިބޯނީގެ އިތުރުން ޑައިޕާ ކްރީމްތަކާއި ލޯޝަންތައްވެސް އުރަމަތީ ކިރު ބޭނުންކޮށްގެން އުފައްދައި ކޮންމެ ބާވަތެއްވެސް 15 ޑޮލަރަށް ވިއްކަން އެޑީ ފެށިއެވެ.
އެޑީ ބުނާގޮތުގައި އޭނާގެ ޕްރޮޑަކްޓް ބޭނުން ކުރުމުން ބޮޑެތި ފައިދާތަކެއްވެއެވެ. އެގޮތުން މޫނުގެ ރޫޖިފައި ހުންނަ ހަންގަނޑުތައް އޮމާން ކޮށްދިނުމާއި، ސްޓްރެޗް މާކްސް އަދި ހިކި ހަންގަނޑަށް އެހީތެރިވެދޭ ކަމަށެވެ. އަދި ތުއްތު ކުދިންގެ ގައިގައި ނެޕީ ޖެހުމުން އުފެދޭ ފާރުގަނޑުތައްވެސް ފަސޭހަކޮށްދޭ ކަމަށްވެސް އޭނާ ބުންޏެވެ.
ސިއްހީ މާހިރުން ބުނާ ގޮތުގައި، އުރަމަތީގެ ކިރުގައި ހަންގަނޑު މޮއިސްޗަރައިޒް ކުރުމުގެ ގިނަ ފައިދާތަކެއް ހުރެއެވެ. އަދި އުރަމަތީގެ ކިރުގައި ލޯރިކް އެސިޑް އެކުލެވިގެންވާ ކަމަށާއި، މިއީ އެންޓިބެކްޓީރިއަލް މާއްދާތައް އެކުލެވިގެންވާ އަދި ހަންގަނޑު ހަމައަކަށް އެޅުވުމަށް އެހީތެރިވެދޭ މާއްދާއެކެވެ.