logoEN
Sto top
ލަލީގާ: ފަހަތުން އަރައި ކާޑިޒް އަތުން މޮޅުވެ، އެތްލެޓިކޯ ހަތަރުވަނައަށް

ލަލީގާ: ފަހަތުން އަރައި ކާޑިޒް އަތުން މޮޅުވެ، އެތްލެޓިކޯ ހަތަރުވަނައަށް

ހަސަން ޝަމްއޫން

logo

10/2/2023, 5:55:02 AM

IMG_20231002_055400

ސްޕެނިޝް ލަލީގާގައި މިރޭ އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއަކުން ކާޑިޒް އަތުން މޮޅުވެ، އެތްލެޓިކޯ މެޑްރިޑުން ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

މެޗުގެ ފުރަތަަމަ ފަސް މިނެޓުގެ ތެރޭގައި އެތްލެޓިކޯ އިން ނުރައްކާތެރި ދެ ހަމަލާއެއް ކާޑިޒްގެ ގޯލަށް ފޮނުވާލިއިރު، މެޗު ފެށިގެން ތިންވަނަ މިނެޓުގައި ކާޑިޒްގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ހުސް ފުރުސަތުގައި ގްރިޒްމަން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

އެތްލެޓިކޯގެ ހަމަލާތަކަށް ފަހު ކާޑިޒް އިން އުފެއްދި ފުރަތަމަ ނުރައްކާތެރި ހަމަލާގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ޑިފެންޑަރު ލޫކަސް ޕިރޭސް އެވެ. މިއީ އެޓީމުގެ ފޯވާޑް ކްރިސް ރާމޯސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމެޗުގައި ކާޑިޒް އިން ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ރޮޖާ މާޓީ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެތްލެޓިކޯގެ އާޖެންޓީނާ މިޑްފީލްޑަރު އެންޖަލް ކޮރެއާ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ކާޑިޒް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު އެތްލެޓިކޯ އިން ފެށީ ވެސް ލަނޑަކާއެކުގައެވެ. މިލަނޑު ދެވަނަ ހާފުގެ ފެށިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ޑިފެންޑަރު މޮލީނާ އެވެ. އަދި މިމެޗުގައި އެތްލެޓިކޯ މެޑްރިޑުން ފުރަތަމަ ފަހަރަށް ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އެންޖަލް ކޮރެއާ އެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 7 މެޗުން އެތްލެޓިކޯ މެޑްރިޑަށް 16 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ބަލިވި ކާޑިޒް ލީގުގައި 8 މެޗު ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ 9 ޕޮއިންޓާއެކު ލީގު ތާވަލުގެ 12 ވަނަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside