
368505_3_3e93e4be35812be2325b7f06c7411fefb48a2eed_large
ރައްޔިތުންގެ މަޖިލީހަށް އިތުރުވި ހަ ދާއިރާގެ ތެރޭގައި ހުވަދުއަތޮޅުންވެސް އިތުރު އެއް ދާއިރާ އިތުރުކުރަން ނިންމައި 93 ދާއިރާ ކަނޑައެޅިގޮތުގެ ރިޕޯޓް އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފިއެވެ.

އީސީއިން ނެރުނު ރިޕޯޓުގައިވާ ގޮތުން ހުވަދު އަތޮޅަށް އިތުރުވި ދާއިރާއަކީ ކޮލަމާފުށި ދާއިރާއެވެ. މި ދާއިރާގައި ހިމެނޭނީ ގއ ކޮލަމާފުއްޓާއި ގއ ދެއްވަދޫ އެވެ. މީގެ ކުރިން ގއ ކޮލަމާފުއްޓާއި ގއ ދެއްވަދޫ ހިމެނިފައިވަނީ ވިލިނގިލީ ދާއިރާގައި އެވެ. ނަމަވެސް އަލަށް ގެނެވޭ ބަދަލާއި އެކު ގއ. ވިލިނގިލި ދާއިރާގައި އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަންޏެވެ.
މީގެ އިތުރުން ގޮނޑި އިތުރުވި ދާއިރާތަކަކީ ހުޅުމާލެ މެދު ދާއިރާ އާއި ހުޅުމާލެ އުތުރު ދާއިރާ އާއި ހިތާދޫ ދާއިރާ (ބ. ހިތާދޫ، މާޅޮސް، ދަރަވަންދޫ) ދާއިރާ އާއި ހުރާ ދާއިރާ (ކ. ހުރާ، ހިންމަފުށި، ގުޅީ) ގެ އިތުރުން އައްޑޫ ފޭދޫ އުތުރު ދާއިރާ (ފޭދޫ/މަރަދޫފޭދޫ) އެވެ. މި ބަދަލުތަކާއި އެކު، ބ. އޭދަފުށި، ރ. މީދޫ ދާއިރާގައިވެސް އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަންޏެވެ.
އީސީން އާންމުކުރި ރިޕޯޓުގައިވާ ގޮތުން ބައެއް އިންތިހާބީ ދާއިރާތަކުގެ ނަމަށް ވެސް ބަދަލު އައިސްފައިވެ އެވެ. އެގޮތުން ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނު ދާއިރާއަށް، ކ. ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާއަށް، ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާއަށް އަދި ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެ އަށް ބަދަލުކޮށްފައިވެ އެވެ.
އީސީއިން ވިދާޅުވީ މަޖިލީހުގެ އިންތިހާބުގެ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮކްޓޫބަރު 19 ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އަދި މި ރަޖިސްޓަރީއަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ އެ މުއްދަތުގައި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް ކަމަށް ވިދާޅުވިއެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް ކަމަށާއި، ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ކަމަށް ވިދާޅުވެފައި ވެއެވެ.
އަންނަ އަހަރުގެ މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހެއް އީސީން އަދި ނުނިންމަ އެވެ.