
Nasheed| ނަޝީދު
އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އާ ބައްދަލުކުރެއްވުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"ދޮން މަނިކު ސްކައި ވިއު" ގައި ޑިމޮކްރެޓްސްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަށް މަސައްކަތް ކުރަމުން އަންނަ އިރު ރައީސް ޔާމީންއާވެސް މަޝްވަރާކުރުން ކޮންމެހެން މުހިންމު ކަމަށެވެ.
"އަޅުގަނޑު މާޖިލީހުގެ އަމީންއާއްމު އަރިހުގައި ދަންނަވާފައިވާނެ، މާދަމާ މާފުއްޓަށް ދިޔުމަށް" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަން 25 ވަނަ ދުވަހުގެ ކުރިން ވޯޓު ނެގުމުގައި ރައީސް ޔާމީންގެ ހިޔާލުހުރި ގޮތެއް ބަލަން ބޭނުންވާކަމަށެވެ.
ރައީސް ޔާމިން މިވަގުތު އަންނަނީ އެމްއެމްޕީއާރުސީ ހިޔާނަތުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ހުކުމް ތަންފީޒުކުރަމުނެވެ. އެހުކުމާއެކު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތުވެސް ވަނީ ގެއްލިގެންގޮސްފައެވެ.
ރައީސް ނަޝީދުގެ ޕާޓީ، ދަ ޑިމޮކްރެޓްސް އިން އަންނަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ވެރިކަމުގެ ނިޒާމާބެހޭ ވޯޓު ނެގުމަށް މަސައްކަތް ކުރަމުންނެވެ.