
F6Afl3SaIAEQzZm
މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައައްތައެއްގެ ފައިސާ ދިނުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

ރޭ އިދިކޮޅުން އދ. މަހިބަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ، މީޑިއާއަކީ ޑިމޮކްރަސީ ވަރުގަދަ ކުރުމުގައި އެންމެ މުހިންމު އެއް ފަރާތް އަދި ސަރުކާރެއް ޖަވާބުދާރީ ކުރުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރާ ފަރާތްތަކަމަށެވެ.
މުއިއްޒު ވިދާޅުވީ ހާރު ސަރުކާރުގެ ކޮންމެވެސް ކުންފުންޏަކުން މީޑީއާތަކަށް ފައިސާ ދޭ ގޮތަށް އޮތުމުން ސަރުކާރުގެ ބާރާއި ނުފޫޒު ނޫސްވެރިކަމަށް ފޯރާ ކަމަށެވެ. އެހެންކަމުން ގާނޫނަށް ބަދަލު ގެނެސްގެން، ދައުލަތުގެ ބަޖެޓުން ވަކި އިންސަތައެއް ނޫސްވެރިކަމުގައި މަސައްކަތްކުރާ އެކި ކަހަލަ މީޑިއާތަކަށާއި ނޫސްވެރިކަމުގައި މަސައްކަތް ކުރާ އެކި ފަރާތްތަކަށް ލިބޭނެ ގޮތް ހައްދަވާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ނޫސްވެރިކަމަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ވަކި ނިޒާމެއްގެ ދަށުން ހަމަޖައްސައިދެއްވާނެ ކަމަށްވެސް މުއިއްޒުވަނީ ވިދާޅުވެފައެވެ.
މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް އެމްޑީޕީންވެސް ވަނީ އެޕާޓީގެ މެނިފެސްޓޯގައި ހިމަނާފައެވެ.




