
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވޯޓުލައްވައިފި
Qasim Ibrahim Voting
ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވޯޓުލައްވައިފިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 08:00 އިން ފެށިގެން ކުރިއަށްދާއިރު، ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވޯޓު ލައްވާފައިވަނީ 8:30 އެހާކަންހާއިރުއެވެ.
ގާސިމްގެ އިތުރުން މިހާތަނަށް ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން ވޯޓުލައްވާފައިވަނީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ހަސަން ޒަމީލްއެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 08:00 އިން ފެށިގެން މިހާރު ކުރިއަށްދާއިރު، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ސްޕޯކްސްޕާސަން އިސްމާއީލް ހަބީބް ވިދާޅުވީ، ލަންޑަން، އަބޫދާބީ ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވޯޓުލުން ފެށިގެން ކުރިއަށްދާ ކަމަށެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 ވޯޓުލާން ޝަރުތު ހަމަވެ އެވެ. އޭގެ ތެރެއިން 27،006 އަށް ވުރެ ގިނަ މީހުންނަކީ 18 އަހަރު ފުރުމާ އެކު މި ފަހަރު އަލަށް ވޯޓު ލެވޭ ޒުވާނުންނެވެ.
މިއަދުގެ ހެނދުނު 8 އިން ހަވީރު 4 އަށް ބާއްވާ ވޯޓުލުމަށް 574 ވޯޓުފޮށި މުޅި ރާއްޖޭގައި ބަހައްޓާފައި ވެ އެވެ. އޭގެ ތެރެއިން 176 ފޮށި ބެހެއްޓީ މާލެ ސަރަހައްދުގަ އެވެ. ރާއްޖެ އިން ބޭރުގައި 8 ފޮށި ހުންނާނެ އެވެ.
މިއީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބެވެ. އެގޮތުން މި އިންތިޚާބުގައި ޖުމްލަ 8 ކެންޑިޑޭޓަކު ވާދަކުރައްވައެވެ.