
F5XDZR9aYAQPTVI
ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ސަރުކާރުގެ ތަރުޖަމާނު އިބްރާހިމް މުއާޒްއަކީ ވެރިކަން ކުރާ އެމްޑީޕީއާއި ގުޅިއްްޖެ އެވެ.

މުއާޒް އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައި އެވެ. އެގޮތުން މުއާޒްގެ މެމްބަރޝިޕް ފޯމް އާއި ހަވާލުވެވަޑައިގެންނެވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ހުޅުމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޔާޒު (ނިޔާ) އެވެ.
އެމްޑީޕީއާއި ގުޅުވަޑައިތުމުގެ ކުރިން މުއާޒް ހުންނެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާޓީ ކަމަށްވާ އެމްޓީޑީގެ ނައިބު ރައީސްގެ މަގާމުގައި އެވެ. އެމަގާމުން މުއާޒް އިސްތިއުފާ ދެއްވީވެސް އިއްޔެ އެވެ.
އެމްޑީޕިއާއި ގުޅިވަޑައިގެން މުއާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމާންކަމާއި ހަމަޖެހުން ޤާއިމުކޮށްދެއްވައި ޤައުމެއްގެ ގޮތުގައި ބާކީނުވާކަން ދުނިޔެއަށް ދައްކުވައިދެއްވައިފި ކަމަށާއި ކުޑަރަށެއް ބޮޑުރަށެއް ނުބައްލަވައި ތަރައްޤީ ޔަޤީންކޮށްދެއްވައިފި ކަމަށެވެ. އަދި އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ އެއްބުރުން ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް ކަމަށް މުއާޒްގެ ޓުވީޓުގައި ވިދާޅުވިއެވެ.