ކުޑަހުވަދޫ ކައުންސިލްގެ މެމްބަރު މައުރޫފް ހައްޔަރުކުރުމާއި ގުޅިގެން ޑިމޮކްރެޓްސް އިން އެކަން ކުށްވެރިކޮށްފި
އައިޝަތު އިފާޝާ
8/8/2023, 5:30:48 AM
photo_2023-08-08 00.29.49
ދ. ކުޑަހުވަދޫ ކައުންސިލްގެ މެމްބަރު އަދި ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ މެމްބަރު އަހްމަދު މައުރޫފް ހައްޔަރުކުރުމާއި ގުޅިގެން ދަ ޑިމޮކްރެޓްސް އިން އެކަން ކުށްވެރިކުރައްވައިފިއެވެ.
ދަ ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކުޑަހުވަދޫއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރައްވާ ދަތުރުފުޅާ ގުޅުވައި އެ ޕާޓީގެ އިންޓެރިމް ކައުންސިލްގެ މެމްބަރު އަދި ކުޑަހުވަދޫ ކައުންސިލްގެ މެމްބަރު އަހްމަދު މައުރޫފްގެ އަމިއްލަ ގޭގައި ޝުއޫރު ފާޅުކުރަމުން ދަނިކޮށް ހައްޔަރުކުރި ކުރުން އެޕާޓީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ވައުދުވަމުން. ނަމަވެސް ދެވަނަ ދައުރެއް ހޯއްދެވުމަށް ކަމަށް ވިދާޅުވެ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ކޮންމެ ރަށަކުން ރައްޔިތުން ނުކުމެ، އިހުތިޖާޖުކޮށް މި ވެރިކަމާ މެދު ނުރުހުން ފާޅުކުރަމުންދާ ދިއުން ސަލާމަތީ ބާރުތައް ނަހަމަގޮތުގައި ބޭނުންކުރައްވައިގެން ގެންދަވަނީ ހުއްޓުވަމުން - ދަ ދިމޮކްރެޓްސް އިން ނެރުނު ނޫސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެ ބަޔާނުގައި ވަނީ އެންމެ ފަހުން ފުވައްމުލަކު ސިޓީއަށް ރައީސް ސޯލިހު އަރައިވަޑައިގަތީވެސް ރަޔަޓު ގިޔަރުގައި ތިބި ފުލުހުންނާއި، ސިފައިން ލައްވާ ރައްޔިތުން އޮބަހައްޓައިގެން ކަމަށާއި، ކުޑަހުވަދޫއިން ވެސް މިރޭ ފެނުނީ އެމަންޒަރު ކަން ފާހަގަކޮށްފައެވެ.
އެބަޔާނުގައި އިތުރަށް ވިދާޅުވީ، މައުރޫފް ހައްޔަރުކުރުމާއި ގުޅިގެން އެޕާޓީގެ ވަކީލުންގެ ޓީމުން އޭނާއަށް ގާނޫނީ އެހީތެރިކަން މިހާރު ފޯރުކޮށްދެމުންދާ ކަމަށެވެ.
އަދި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރާ ދެކޮޅަށް ސުލްހަވެރިގޮތުގައި އަޑު އުފުލަމުންދާ ރައްޔިތުން ހައްޔަރުކުރުން ފަދަ އަނިޔާވެރި ހުދުމުހުތާެރު އަމަލުތައް މިހިނދުން ހުއްޓާލުމަށް އެޕާޓީން ސަރުކާރަށް ވަނީ ގޮވާލާފައެވެ.