
ރައީސް ޔާމީންގެ ކެނޑިޑެސީ މައްސަލަ 15:45 ގައި ފެށޭނެ - ސުޕްރީމް ކޯޓު
breaking ބްރޭކިންގް
މިއަދު 15:00 ގައި ފެށުމަށް ހަމަޖެހިފައިވާ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެނޑިޑަސީ ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުން ދެން ފެށޭނީ 15:45 ގައި ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުން ވިދާޅުވީ، މިއަދު 15:00 ގައި ފެށުމަށް ހަމަޖެހިފައިވާ ޝަރީޢަތުގެ މަޖިލިސް ދެން ފެށޭނީ 15:45 ގައި ކަމަށާއި، ޝަރީޢަތް ފެށުން ލަސްވެފައިވަނީ ސުޕްރީމް ކޯޓު ހިމެނޭ ސަރަހައްދުން ކަރަންޓު ދިއުމުގެ ސަބަބުން ކަމަށެވެ.
ރައީސް ޔާމީންގެ ކެނޑިޑަސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވީ ގާނޫނު އަސާސީގައި ބުނާ ޝަރުތު އުނިވެފަައިވާކަމަށް ކަނޑައެޅުއްވުމަށްފަހުއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
ޤާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާއަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއި ކުށެއް ސާބިތުވެގެން އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތްނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފުކުރިތާ 3 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.
އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނު ބުނާގޮތުން ކެނޑިޑެސީއާއި މެދު ސުވާލު އުފެއްދިއްޖެ ނަމަ އެ މައްސަލަ ހުށައެޅޭނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. އަދި މިގޮތަށް ހުށައަޅާ މައްސަލައެއް އެ ކޯޓަށް ހުށައަޅާތާ ގިނަވަގެން 7 ދުވަހުގެ ތެރޭގައި ނިންމަވަންޖެހެއެވެ. އަދި މި ފަދަ މައްސަލަތައް ނިންމަންވާނީ ސުޕްރީމްކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންކަމަށާއި ސުޕްރީމްކޯޓުގެ އެ ނިންމެވުމަކީ އެންމެ ފަހުގެ ނިންމެވުންކަމަށްވެސް ޤާނޫނު އަސާސީގައިވަނީ ބަޔާންކޮށްފައެވެ.
އިތުރު ތަފްސީލު އަންނަނީ...



