
large_161997989854aO9V
އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު އިންތިހާބަށް ކުރިމަތިލުމަށް ބޭނުންވާ ސޮއި ހަމަކޮށްފި އެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާ ގޮތުން އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން އޭނާއަށް ތާއީދުކުރާ 1،500 މީހުންގެ ސޮއި ހުށަހަޅަންޖެހެއެވެ.
އިއްޔެ ފޭސްބުކް މެދުވެރިކޮށް އުމަރު ކުރިޔަށްގެންދިޔަ ޚާއްސަ ލައިވް އެއްގައި ވިދާޅުވީ އީސީން ކެންޑިޑޭޓުންގެ ސޮއި ހޯދުމަށް އިއުލާނު ކުރުމާއި ގުޅިގެން ސޮއި ހޯދުމުގެ މަސައްކަތް މީގެ ފަސް ދުވަސް ކުރިން ފަށައިގެން ފަސް ވަނަ ދުވަހަށް އައިއިރު 2،000 ސޮއިހަމަ ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން 2،000 ސޮއި ހޯދައިފިން،" އުމަރު ވިދާޅުވި އެވެ.
އުމަރު ވަނީ ސޮއި ހޯދުމަށް މަސައްކަތްކޮށްދެއްވި ވޮލެންޓިއަރުންނަށް ޝުކުރުވެސް ދަންނަވާފައެވެ.
އުމަރު އިތުރަށް ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ އަށް ހުންނެވި ބޭފުޅަކު ބަދަލު ކުރުމަށް ހިންގާ ކެމްޕެއިނެއް ނޫން ކަމަށާއި މިއީ މި ގައުމުގެ މިސްރާބު ބަދަލު ކުރަން ހިންގާ ކެމްޕެއިނެއް ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބަށް އުމަރު ކެމްޕެއިން ފައްޓަވާފައިވާއިރު މިދިޔަ ހަފްތާއިން ފެށިގެން އުމަރު އަންނަނީ މާލޭގައި ޑޯޓުޑޯ ހަރަކާތްތަށްވެސް ކުރިޔަށް ގެންދަމުންނެވެ.