
ސުޕްރީމް ކޯޓަށް ޔާމީން ހުށަހެޅުއްވި ދެވަނަ މައްސަލަ ވެސް ބަލައިނުގަތް!
big_qoUskc5vvSNIOWZMstWOaWAom
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތް ނުނިމި އޮތުމުން އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ ދެވަނަ މައްސަލަ ވެސް އެ ކޯޓުން މިއަދު ބަލައިނުގަތުމަށް ނިންމައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުވެސް މިފަދަ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތެވެ. މިއަދު ހުށަހެޅި މައްސަލަވެސް އެ ކޯޓުން ވަނީ ބަލައިނުގަންނަން ނިންމާފައެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް، މިކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ޕީޕީއެމްގެ ލީޑާޝިޕުން ހާމަކޮށްފައެއް ނުވެއެވެ.
ޔާމީންގެ ފަރާތްޕުޅުން މިއަދު ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ނިންމީ އެއީ ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސްގެ ތެރޭގައި ހިމެނޭ، ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ފަދަ ދުސްތޫރީ މައްސަލައަކަށް ނުވާތީ ކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައިވެ އެވެ. ރަޖިސްޓްރާ އެގޮތަށް ނިންމެވިޔަސް، އެ ނިންމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު ޔާމީނަށް ލިބިވަޑައިގަންނަވާނެ އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގައި އިސްތިއުނާފީ ޝަރީއަތްތައް މިހާރު ވަނީ މެދުކެނޑިފައެވެ. އެއީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުންނެވެ. މިއާއި އެކު އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.



