
a1af3a90-08e8-4426-bd09-825229454e7c-1536x867
ރާއްޖޭގެ އެންމެ މަގުބޫލު މީޑިއާ ކަމަށްވާ "ވަގުތު" ގެ "ވަގުތު ޓީވީ" ލޯންޗުކޮށްފިއެވެ.

ވަގުތު ޓީވީ ލޯންޗުކޮށްފައިވަނީ އެކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. ވަގުތު ޓީވީ ރަސްމީކޮށް ލޯންޗުކޮށްދެއްވީ ނޫސްވެރިކަމުގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އަހުމަދު ޝިޔާމްއެވެ.
ޓީވީ ލޯންޗުކޮށް ރޭ ވަނީ ފުރަތަމަ ޕްރޮގްރާމް ގެނެސްދީފައެވެ. "ހޫނު ގޮނޑި" ގެ ނަމުގައި ގެނެސްދޭ މި ޕްރޮގްރާމްގެ ފުރަތަމަ ޝޯވ ގެނެސްދީފައިވަނީ ރޭ 11:00 ގައެވެ.
ފާއިތުވި މަހެއްހައި ދުވަހު މީސް މީޑިއާ އިން ވަނީ 109 އާއި ގުޅޭ ގިނަ ޕޯސްޓަރުތަކެއް އާއްމު ކޮށްފައެވެ. ސިޔާސީ ބޭފުޅުންނާއި، އިޖުތިމާއީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންގެ ޕޯސްޓަރުތައް ވެސް ވަގުތު އިން ވަނީ ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ.
އަލަށް ފެށި ޓީވީ އާއި އެކު ވަގުތުގެ އިތުރު އުފެއްދުންތަކެއް ފެނިގެން ދާނެ ކަމަށް ވަގުތު އިން ބުނެއެވެ. މިއީ ހުނަރުވެރި ޒުވާނުންނަށް އިތުރު ފުރުސަތަކަށް ވެގެން ދާނެ ކަމަށްވެސް ވަގުތުއިން ބުނެއެވެ.
ވަގުތު ޓީވީގެ ޓްރާންސްމިޝަން ކުރިއަށް ދާނީ މެންދުރު 12:00 އިން މެންދަމު 12:00 އަށެވެ. ވަގުތު ޓީވީން ޕްރޮގްރާމްތަކާއި ހަބަރުތައް އަދި ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކާއި އިވެންޓްތައް ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.



